ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހަމަނުޖެހުމަކާއި ބަހުގެ ގިނަ ހަމަލާތަކެއް
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިއަދު ޙުކުމް ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުވި ވަގުތު އެތަނަށް އެއްވި މީހުންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.
ފުރަތަމަ ހަމަނުޖެހުން ހިނގާފައިވަނީ، އެތަނަށް އެއްވެ ތިބި ސަޕޯޓަރުންނާ ދިމާޔަށް އެއްޗެހި ގޮވި މީހަކާއެވެ. އޭނާ ވަނީ ރައީސް ޔާމީނަށް ފުރައްސާރަކޮށްފައެވެ. އެއާއެކު އެއްވެ ތިބި މީހުން ވަނީ އޭނާއަށް ހަމަލާދީފައެވެ. އެކަން ކޮންޓްރޯލްކޮށްފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. އޭގެ ފަހުން އޭނާވަނީ އެތަނުގައި އޮތް ދޯންނަޏަކަށް އަރާ ފިލާފައެވެ.
ދެވަނަ ހަމަނުޖެހުން ހިނގާފައިވަނީ ސަޕޯޓަރުންނާއެކު ލީޑަރޝިޕްގެ ބޭފުޅުން ހިންގަވާފައި މަޖީދީ މަގުން ދަނިކޮށެވެ. އެތަނުން ހިނގާފައިވަނީ ބަހުގެ ހޫނު ހަމަލާތަކެކެވެ. އަދި ގަޔަށް އަތްލާ މަންޒަރު ވެސް ފެނިގެން ދިޔައެވެ. މިއިން ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވެފައެއް ނުވެއެވެ.
އޭގެ އިތުރުން މުޒާހަރާ ކުރަމުންދިޔަ މީހުން ވަނީ ނޫސްވެރިންނަކީ އިންޑިއާ އިން ގަނެފައި ތިބި ބައެއް ކަމަށް ބުނެ އަޑު ގަދަކޮށްފައެވެ. އަދި ދިވެހި ނޫސްވެރިޔަކު އެއީ އިންޑިއާ މީހެއް ކަމަށް ބުނެ ވެސް އަޑު ގަދަ ކުރިއެވެ.
މިއަދު އިދިކޮޅުން ކްރިމިނަލް ކޯޓުގެ ދަށަށް އެއްވެފައިވާއިރު، މާ ގިނަ ބަޔަކު އެތަނަށް ގޮސްފައެއް ނުވެއެވެ. އަދި މާ ބޮޑު ހަމަނުޖެހުމެއް ވެސް ހިނގާފައެއް ނުވެއެވެ. ނަމަވެސް މަގުމަތިން ދަމުން، އެއްޗެހި ގޮވާ ފަރާތްތަކާއެކު ހޫނު ޒުވާބުތަކެއް ވަނީ ހިނގާފައެވެ.
މިކަމާ ގުޅިގެން "ދެން" އިން ޕީއެންސީގެ ރައީސް އަބްދުއްރަޙީމްއާ ސުވާލުކޮށްލުމުން ވިދާޅުވީ، އެސަރަހައްދަށް ގިނަ ބަޔަކު ގެންދަން މަސައްކަތް ނުކުރާ ކަމަށާއި، އެ ޕާޓީއަކީ އެމްޑީޕީ ފަދައިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ.