ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާމެދު ނަފުރަތު އުފެއްދުން ހުއްޓައިލަންޖެހޭ: އެމްއާރްއެމް
ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާމެދު ނަފުރަތު އުފެއްދުން ހުއްޓައިލުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ގޮވާލައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ސުނާމީ ކާރިސާއަކީ ދިވެހިންނަށް ކުރިމަތިވި ބޮޑު އިމްތިހާނެއްކަމަށާއި އެއިން ހާސިލުވާ އެންމެ ބޮޑު ޢިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމަށެވެ.
އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައާ އެހެން ހުރިހާ ވަގުތެއްގައި ވެސް ސިޔާސީ ފިކުރުތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ކަމަށެވެ.
ސުނާމީ ކާރިސާއަކީ އަވަށްޓެރި ޤައުމުތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު އޮތް ގުޅުމާއި އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށްވީއިރު ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ ޢަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވައިލަން.
އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނީ ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުމާމެދު މިއަދު ސަމާލުވެ ތިބެންޖެހޭ ކަމަށެވެ.
އަދި ސިޔާސީ ޚިޔާލު ތަފާތުވުންތައް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަންޖެހޭ ކަމަށާއި ސިޔާސީ ލީޑަރުން ވެސް އަމިއްލަ ކުރިއެރުމަށްޓަކައި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަންޖެހޭ ކަމަށް ވެސް ބުންޏެވެ.
ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނެކަން ޔަޤީންކަމަށް ވެސް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.