ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެޗްޑީސީގެ އެމްޑީ ވަޑައިގެންފި

ހުޅުމާލޭ ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޚިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުރަމުންދާ މަސައްކަތުގެ ތެރެއިން, އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް އެ ސަރަހައްދަށް ވަޑައިގަންނަވައިފިއެވެ.
ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޚިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތް ކުރިއަށްދާ މިންވަރު ބަލައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެމްޑީ އާތިފް ހިޔާ ސަރަހައްދަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
ދާދިފަހުން އާތިފް ވަނީ ''ހިޔާ ކޮމިއުނިޓީ" ގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ ވެސް ބައްދަލު ކުރައްވައިފައެވެ.
''ހިޔާ ކޮމިއުނިޓީ" އަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންކަން ހައްލުކުރުމަށް އެކުލަވާލައިފައިވާ ޓީމެކެވެ.
އާތިފް އެ ދުވަހު ވިދާޅުވީ އެ ކުންފުނިން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމުގައި އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.