ޚަބަރު އިޖުތިމާޢީ

ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

Ads by Sosun Fihaara

ކަސްޓަމްސްއިން އިއްޔެ ވިދާޅުވީ އެ ތަކެއްޗަކީ މި މަހުގެ 24 ގައި ބްރެޒިލުން ރާއްޖެއައި މީހެއްގެ އަތުން އަތުލައިގަތް ތަކެތި ކަމުގައެވެ. އެ ތަކެތި އަތުލައިގަތީ ސްވިޒަލޭންޑަށް ނިސްބަތްވާ ޢުމުރުން 59 އަހަރުގެ ފިރިހެނެއްގެ އަތުން ލަގެޖުގެ ތެރެއިންނެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެ ތަކެތީގެ ބަރުދަނުގައި 2.198 ކިލޯގްރާމް ހުރި ކަމަށާއި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ހަތް މިިލިއަން ހަތް ލައްކަ ރުފިޔާއަށް އަރައެވެ. އަދި މި މައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!