މި ސަރުކާރުން ކުރާ ހުރިހާ ގޯސް ކަމެއްގެ ޒިންމާ އަޅުވަނީ ރައީސް ޔާމީންގެ ބޮލުގައި: މުއިއްޒު
މި ސަރުކާރުން ކުރާ ހުރިހާ ގޯސް ކަމެއްގެ ޒިންމާ އަޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޮލުގައި ކަމަށް މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ހަރުދަނާ އެއްވެސް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކު ނެތް ކަމަށާއި މި ސަރުކާރަށް އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
"މިއީ ބަހަނާ ސަރުކާރު. ކޮންކަމަކަށްތޯ ބަހަނާ ނުދައްކާނީ؟ ކޮންމެ ކަމަކަށް ވެސް ބަހަނާ. ކޮންމެ ކަމަކަށް ވެސް ކުރީ ސަރުކާރު ، ކޮވިޑް ކަންތަކުގައި އެކަނި ނުބުނަނީ ކުރީ ސަރުކާރޭ. ކޮވިޑް ކަންތަކުގައި ވެސް ބުނާނެ ކަންނޭނގެ" މުއިއްޒު ވިދާޅުވިއެެވެ.
މި ސަރުކާރުން އައީ އަމިއްލަ ވަކި އެޖެންޑާއެއް އޮވެގެން ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާ ވަކިވަކި މީހުންނަށް ބަދަލު ދިނުން ނޫން ކަމެއް އަދި ނުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދަރަނި އެއީ ނަގަން ޖެހޭ އެއްޗެއް ނޫން ކަމަށް ރައްޔިތުންނަށް ދައްކައިގެން ކަމަށްވީ ނަމަވެސް މިއަދު ސަރުކާރުގެ ވާހަކަތައް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު މިފެންނަނީ ރައީސް ޔާމީން ސަރުކާރަށް ވުރެ ދަރަނި އެތައް ގުނައަކުން ބޮޑުވެފައި އޮތް މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.