އެމްޑީއަކީ ހަމައެކަނި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެންމެ ބޮޑު ސިޔާސީ ޕާޓީ އެކަންޏެއް ނޫނެވެ. އެޕާޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފިކުރެވެ. ރާއްޖޭގެ ސިޔާސީ މައިދާނަށް އެންމެ ބޮޑު ބަދަލެއް ގެނަސްދިން ފިކުރުވެސްމެ އެވެ.
ދުވަސްތަކެއް ވަންދެން އެކަތިގަނޑެއްގެ ގޮތުގައި އޮތް އެމްޑީޕީ ބައިބައިވާން ފެށި މަންޒަރު މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ފެންނަން ފެށި އެވެ. އެހެންނަމަވެސް މި މަންޒަރު ސާފުވެގެން ދިޔައީ މި ނިމިގެންދިޔަ 2022 ވަނަ އަހަރެވެ.
މީގެ ކުރިން ގިނަ ބަޔަކު ޤަބޫލު ކުރި ގޮތުގައި، އެމްޑީޕީއަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަކީ އެމްޑީޕީ އެވެ. އެހެންނަމަވެސް 2022 ވަނަ އަހަރަކީ މިމަންޒަރު މުޅިން ބަދަލުކޮށްދިން އަހަރެކެވެ. އެތައް ކަމަކުން މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށް ބުނެދިނެވެ. އެންމެ ފުރަތަމަ ޕާޓީގެ ޤައުމީ މަޖިލީހެވެ. އެ މަޖިލީހުގެ މެޖޯރިޓީ ނެގީ ރައީސް ނަޝީދާއި ދެކޮޅަށް ނިކުމެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެމްބަރުންނެވެ. ޕާޓީގެ ހުރިހައި ގުނަވަނެއްގައި ފައި ހިއްޕައިލީ ރައީސް ޞާލިހެވެ. އެޕާޓީގެ އެންމެ މުހިންމު މަޤާމު، ޗެއާޕާސަންކަންވެސް ކާމިޔާބު ކުރީ ރައީސް ޞާލިހުގެ ފެކްޝަނުންނެވެ.
ރައީސް ނަޝީދުގެ ފުރަތަމަ ބައްޔަކަށްވީ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ގަރާރު އަނބުރާ ގެނައުމެވެ. މިކަން ވެގެން ދިޔައީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މުޅިން އަނބުރައިލި ކަމަކަށެވެ. އެއާއެކު ކުރިއަށް އޮތްތަނުގައި ކަން ވެގެން ދާނެ ގޮތުގެ ކުރެހުމެއް ކުރަހައި ދިނެވެ.
މިހިނގާ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާނެ ކެނޑިޑޭޓަކު ނިންމަން ބާއްވާ ޕްރައިމަރީގެ ތައްޔާރީތައް މިދިޔަ އަހަރު ފެށިއްޖެ އެވެ. ރޭހުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް މާ ކުރިންވެސް އޮތީ އިއުލާން ކޮށްފަ އެވެ. ރައީސް ޞާލިހުވެސް އެކަން އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް އެމްޑީޕީގެ ކަންކަން މާޒީގައި ރޭވިގެން ދިޔަ ގޮތުން ދެ ކެނޑިޑޭޓުންކުރެއް އެއް ކެނޑިޑޭޓަކު ދޫ ދެއްވައި ނަން ނަންގަވާނެކަމަށް ކުރިން ބެލެވުނެވެ.
ކަން ވީ މުޅިން އެހެން ގޮތަކަށެވެ. ދެ ބޭފުޅުންވެސް ދޫ ދެއްވަން ބޭނުންފުޅެއް ނުވި އެވެ. ދެން ފެށުނީ ބަހުގެ ހަމަލާތަކެވެ. އެމްޑީޕީގެ ވައުދުތައް ނުފުއްދާކަމުން ތުހުމަތު ރައީސް ނަޝީދު، ރައީސް ޞާލިހުގެ އިސްތަށިފުޅުގައި އެޅުވި އެވެ. ރައީސް ޞާލިހުގެ ފެކްޝަނުން ވިދާޅުވަނީ ރައީސް ނަޝީދަށް ދެން ވެރިކަން ކުރެއްވުމުގެ އުއްމީދު ނެތްކަމަށެވެ. ރައްޔިތުންގެ އެވަރުގެ ތާއީދެއް އެމަނިކުފާނަށް ނެތް ކަމަށެވެ.
ރައީސް ޞާލިހަށް ފުރުސަތު ބޮޑު
ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް ޞާލިހަށް ޕްރައިމަރީ ކާމިޔާބުވެ އިންތިހާބަށް ނިކުންނެވިޔަސް ރައްޔިތުންގެ 20 އިންސައްތަ ވޯޓުވެސް ނުލިބޭނެ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ގޯސް އެތައް ކަމެއް ހިނގާފައިވާތީ އެވެ. ދައުލަތުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނުން ފެށިގެން ރާއްޖޭގައި އިންސާފު ގާއިމް ކުރުމާއި ތަރައްގީގެ މަޝްރޫއުތައްވެސް އެންމެ ރަނގަޅު ދުވެއްޔެއްގައި ރައީސް ޞާލިހު ކުރިއަށް ގެންދަވައިފައެއް ނުވެ އެވެ. ހާއްސަކޮށް ރައީސް ނަޝީދު ފާހަގަކުރައްވާ އެންމެ މުހިންމު އެއް ކަމަކީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރުމެވެ. އޭގެ ބަދަލުގައި ރައީސް ޞާލިހު އިސްކުރައްވަނީ ކޯލިޝަން އެހެން ޕާޓީތަކުގެ މަސްލަހަތެވެ.
އެހެންނަމަވެސް ރައީސް ޞާލިހު ވިދާޅުވާ ގޮތުގައި އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެމަނިކުފާނެވެ. މި ވެރިކަމަކީ އެންމެ އުއްމީދީ އޯގާތެރި ވެރިކަމެވެ. އެކަން ރައްޔިތުންވެސް ބަލައިގެންފައިވާ ކަމަށާއި ކުރިއަށް އޮތް 5 އަހަރުވެސް ރައްޔިތުން ދެކެން ބޭނުންވަނީ މިވެރިކަން ކަމަށް ރައީސް ޞާލިހު ފެކްޝަނުން ދެކެ އެވެ.
ރައީސް ޞާލިހަށް އެމްޑީޕީގެ އެތެރެއިން އޮތް ފުރުސަތު ބޮޑެވެ. ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސްއިން މިކަން ވަރަށް ރަނގަޅަށް ސާފުވި އެވެ. އާންމު މެމްބަރުންގެ ތެރެއިން ގިނަ މީހުން ތިބީ ސަރުކާރު ވަޒީފާއެއްގައި ނުވަތަ ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހެއްގެ އާއިލާގަ އެވެ. މިހެންވުމުން ރައީސް ޞާލިހަށް އެމްޑީޕީގެ އެތެރެއިން ވޯޓު ގިނައިން ލިބޭނެކަމަށް ބެލެވެ އެވެ.
ރައީސް ނަޝީދާއި އެމްޑީޕީގެ އަސްލު ރޫހު
މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސް ޞާލިހުގެ އަރިހުގައި ތިއްބެވި އެމްޑީޕީގެ ގިނަ ބޭފުޅުންނަކީ ކުރިން ޑީއާރުޕީގައި އުޅުނު ބޭފުޅުންނެވެ. ކުރިން އެމްޑީޕީން އެއްފަރާތްކުރި ގިނަ ބޭފުޅުންވެސް އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ. ޑރ. ޑީޑީ އާއި ރީކޯ މޫސާ މަނިކުފަދަ ބޭބޭފުޅުން މިއަދު ތިއްބެވީ ޕޯޑިއަމްތަކުގަ އެވެ.
ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އެމްޑީޕީގެ ސިފަތައް މުޅިން ގެއްލިގެންދާނެ ކަމެކެވެ. މިއަދު ސިޔާސަތުތައްވެސް އެމްޑީޕީއެއް ނޫނެވެ. އަނެއްކޮޅުން ކެމްޕެއިންތަކާއި ޖަގަހަ ޖަލްސާތަކުގައިވެސް ފޯރިއެއް ނެތެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ބޭއްވި ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ އަސްލު ރޫހު ފެނުނެވެ. ސިޔާސީ ލަވަތަކުން ފެށިގެން އާންމު މެމްބަރުންގެ ސަޕޯޓަށް ބެލިނަމަވެސް ނިމިގެން މިދާ 5 އަހަރު ތެރޭގައި ނުފެންނަ ވަރުގެ ޖޯޝާއީ ފޯރިއެއް އެރޭ ފެނުނެވެ.
ނަމަވެސް އޭގެ ފަހުން ރައީސް ޞާލިޙް ވެސް އެމަނިކުފާނުގެ ސައިޒް ދައްކާލިއެވެ. އާޓިފިޝަލް ބީޗް އެއްކޮށް ފުރާލިއެވެ. ލަވަ ކިޔާ، ނަށާ، ރައީސް ނަޝީދު ބުނާ އެމްޑީޕީ ފޯރި އަރުވާލިއެވެ.
އެމްޑީޕީ ކެމްޕެއިންތައް ކުރާއިރު ރައްޔިތުންނާއިއެކު އެއްހަމައެއްގައި ހަރަކާތްތެރިވާތަން ފެނެއެވެ. ފެނިފައި ހުރީ ރައީސް ނަޝީދުގެ އެމްޑީޕީގެ ކެންޕެއިންތައް ކަމުން، ކަމަށް ވެސް ވެދާނެއެވެ. ރަށަކަށް ގޮސް ބޮޑު ޖަލްސާއެއް ބޭއްވުމުގެ ބަދަލުގައި ރައްޔިތުންނާއެކު މަސައްކަތަށް ނިކުމެ އުޅޭތަން ކުރިން ފެނުނެވެ. ރައީސް ޞާލިހު މިކަމާއި ބީރައްޓެހި ނުވިއެއްކަމަކު ފެންނަ މަންޒަރުތަކުން އެމަނިކުފާނަށް މިކަން ކުރެއްވުނު ތަނެއް ނުފެނެ އެވެ. ރައީސް ނަޝީދު ރަށްރަށަށް ގޮސް މިހާރުވެސް އުޅުއްވަނީ ފައި މަގުގައި ހިންގަވާފަ އެވެ. މަސް ކެނޑުމާއި، ރޮށި ފިހުމުން ގޮސް ގޭތެރެ ކުނި ކެހުމުގައިވެސް ރައީސް ނަޝީދު އުޅުއްވަ އެވެ. މިއީ "ޑްރާމާއޭ" އެއްބަޔަކު ބުންޏަސް އެއީ އެމްޑީޕީގެ އަސްލެވެ. އެޕާޓީން ރައްޔިތުންގެ ލޯބި ހޯދީ މިގޮތަށެވެ. މިހާރު ރައީސް ނަޝީދުގެ ފަރާތްޕުޅުން މިފެންނަނީ ހަމަ މިމަންޒަރެވެ. ނަމަވެސް ރައީސް ނަޝީދަށް މިހާރު ނެތީ އޭރު އޮތް ތާއީދެވެ. ރަށްރަށުން އެމަނިކުފާނަށް ދޭ ތަރުޙީބެވެ. އެކަކު ދެ މީހަކު ގިސްލަމުން، ރައީސް ނަޝީދުގައިގައި އޮޅުލަމުން ރޯ މަންޒަރު މީސްމީޑިއާއިން ފެނުނަސް، ރައީސް ނަޝީދަށް މަރުޙަބާ ކިޔަން ރަށްރަށުން ނިކުންނަނީ މަދުބައެކެވެ. ކޮންމެ ރަށެއްގައި ބާއްވާ ޖަލްސާއަށް ހާޒިރު ވަނީ މަދުބައެކެވެ.
އެމްޑީޕީއަށް ވާނީ ކިހިނެއް؟
ރައީސް ޞާލިހަށް ޕްރައިމަރީ ކާމިޔާބު ވާނެކަމަށް ބޮޑަށް ބެލެވޭއިރު އެހެން އެކަން ވެއްޖެނަމަ ރައީސް ނަޝީދު ރައީސް ޞާލިހުގެ ފަޅިއަށް އަރައިފާނެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ވެރިކަމަށް ނިކުންނަވާނަމަ ނިކުންނާނީ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. މި ހިސާބުން އުފެދޭ ސުވާލަކީ އިންތިޚާބުން ރައީސް ނަޝީދު ބަލިވެއްނަމަ ބަލި ޤަބޫލުފުޅު ކުރައްވާނެތޯއެވެ؟
ރައީސް ނަަޝީދު ގެންދަވަނީ އެމްޑީޕީގެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެއެވެ. މިހެންކަމުން އިންތިޚާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ރައީސް ނަޝީދު މި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށްފާނެ ކަމާމެދު ސުވާލު އުފެދެއެވެ.
ދެން ސުވާލު އުފެދެނީ ރައީސް ނަޝީދަށް ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ވާނެ ގޮތަކާއިމެދު އެވެ. ރައީސް ނަޝީދަކީ ކޯލިޝަނާއި އިދިކޮޅު ބޭފުޅެކެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެމްޑީޕީ ގިނިކަންޏާ އިންތިހާބަށް ނިކުންނާށެވެ. އެހެންވެއްޖެނަމަ މިހާރު ސަރުކާރު ކޯލިޝަންގައި އޮތް އެހެން ސިޔާސީ ޕާޓީތަކުން ކެނޑިޑޭޓެއް ނެރޭނެ އެވެ. މިވަގުތަށް ބަލާއިރު އެ ކެނޑިޑޭޓަކީ ރައީސް ޞާލިހެވެ. އަދާލަތާއި، އެމްއާރުއެމް އަދި ޖޭޕީގެވެސް ޗޮއިސްއަކީ ރައީސް ޞާލިހަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ވެއްޖެނަމަ ރައީސް ޞާލިހު ދޫ ދެއްވައިފާނެ ހެއްޔެވެ. މިސުވާލަށް ޖަވާބު ދޭން އަދި ތަންކޮޅެއް ދައްޗެވެ. ހަމަ ޔަގީނުންވެސް މިހާ ހިސާބުން އެމްޑީޕީ ދެފަޅިވާނެ އެވެ.
އެއް ގޮތަކީ ރައީސް ޞާލިހު ނިކުމެވަޑައިގެން ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމެވެ. އަނެއް ގޮތަކީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލެއްވުމެވެ. މިހާލަތުގައި ކޯލިޝަން ހުރިހާ ޕާޓީތަކުން ތާއީދު ކުރާނެކަމަށް ބެލެވެ އެވެ.
މިފަދަ ހާލަތެއް އަތުވެއްޖެނަމަ އެހެން ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތުވެސް ބޮޑުވާނެ އެވެ. ހާއްސަކޮށް އިދިކޮޅުން ކެނޑިޑޭޓަކު ދައްކައިފިނަމަ އެކެނޑިޑޭޓަކަށް ފުރުސަތު ބޮޑެވެ. އެހެންނަމަވެސް މިދަނޑިވަޅަކީ އިދިކޮޅުވެސް ވަރަށް ނިކަމެތިވެފައިވާ ދަނޑިވަޅެކެވެ. އިދިކޮޅު ރިޔާސީ ކެނޑިޑޭޓުގެ ޝަރުތު ގެއްލިފައިވާއިރު ދެން ނިކުންނާނެ ކެނޑިޑޭޓަކު އަދިވެސް ސާފު ނުވެ އެވެ.
ކޮންމެއަކަސް ނިމިގެން މިދިޔަ 2022 ވަނަ އަހަރަކީ އެމްޑީޕީއަށް ވަރަށް ނުތަނަވަސް އަހަރެކެވެ. ޕާޓީގެ މުސްތަގުބަލު ނިންމާނީ އާންމު ރައްޔިތުންނެވެ. މިފެށުނު 2023 ވަނަ އަހަރަކީ މުޅި އެމްޑީޕީގެ މުސްތަގުބަލު ކުރަހައިދޭނެ އަހަރެކެވެ. ދެގޮތުން ކުރެއް އެއް ގޮތެކެވެ. ރައީސް ނަޝީދުގެ ސިޔާސީ ބާރުވެރިކަން ނިމުނުކަމުގެ ސިއްކަ ޖެހުމެވެ. ނުވަތަ ރައީސް ޞާލިހު ޕާޓީގެ އެންމެ ފުލަށް ގެންދިޔުމެވެ.