ޚަބަރު ސިޔާސީ

ފަނަރަ ދުވަސް ތެރޭގައި 100 ހައްޔަރު، އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މަގުމަތީގައި

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިދިކޮޅު މުޒާހަރާތަކުން 100 އަށްވުރެއް ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅު ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

Ads by MWSC

މިދިޔަ މަހު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވައި ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅުން ދަނީ މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. ކޮންމެ ރެއެއްގެ އެއްވުމުންވެސް އެތައް ބަޔަކު ހައްޔަރު ކުރަމުން ދާއިރު ބައެއް އެއްވުންތަކުގައި ފުލުހުންގެ ފަރާތުން އާންމުންނަށް ދަނީ އެކި ވަރުގެ އަނިޔާތައްވެސް ލިބެމުންނެވެ.

މިކަމާ ގުޅިގެން ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ 15 ދުވަހުގެ ތެރޭގައި 100 އަށްވުރެއް ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 2 މީހުންނަށް 15 ދުވަސް މުއްދަތު ޖަހާފައިވާ ކަމަށާއި އެކަކު 30 ދުވަހަށް ގޭބަންދު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 2 މީހުން 60 ދުވަހަށް ގޭބަންދު ކޮށްފައިވާކަމަށްވެސް ހީނާ ވިދާޅުވި އެވެ.

"އުމުރުން ދުވަސްވީ އަންހެނުން ދަމާ ކޫއްތާ އަނިޔާ ކުރަނީ. އެތައް ބައެއްގެ އަތުގެ ކުޑަހުޅު ލުއްސާލައިފި" ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބެރިކޭޑު ޖަހައި ޕާޓީގެ އޮފީސް ދޮރުމަތި ކޮންމެ ރެޔަކު ބަންދުކުރާކަން ފާހަގަކުރައްވައި، ހީނާ ވިދާޅުވީ އިންޒާރު ދިނުމަކާއި ނުލައި އަތު ޖެހުނު ކޮންމެ މީހަކު އަތް އަނބުރަމުން ގެންގޮސް ޖިޕަށް ލާ ކަމަށެވެ. އަދި ކުކުޅު ހާ ދުވާހެން ފުލުހުން މަގުމަތީގައި މީހުން ފަހާ ދުވާހަކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ތަންމިނަށް ހުޅުވާލެވިފައި ކަމަށެވެ.

އަދި ހިޔާލުފާޅު ކޮށްގެން އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށްވެސް ރައީސް ޞާލިހު ވިދާޅުވ އެވެ. އެހެންނަމަވެސް އިދިކޮޅު އެއްވުންތަކުގައި ފެންނަނީ މިއާ ޚިލާފު މަންޒަރެކެވެ. ހީނާވެސް ވަނީ މިކަން ފާހަގަކުރައްވައިފައެވެ.

"އިބްރާހިމް ރައީސްގެ ވެރިކަމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ. މިފެންނަނީ މިނިވަންކަމުގެ ހައްޤުތައް ފުރި ބަންޑުން ވާތަން" މަޖާޒީ ބަސްމަގުގައި ހީނާ ވިދާޅުވި އެވެ.

އިދިކޮޅުން ބުނަމުން ދަނީ، މިހާރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓައިލާނީ، އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ވުމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!