ރިޔާސީ އިންތިޚާބު 2023: 800 ވޯޓު ފޮށި ބަހައްޓާނެ، 8000 އޮފިޝަލުން ބޭނުންވާނެ
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 800 ވޯޓު ފޮށި ބަހައްޓާނެކަމަށާއި 8000 އޮފިޝަލުން ބޭނުންވާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އިދާރީ އެކިކަންކަމާއި ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ މީހުންނާއެކު 8000 އޮފިޝަލުން ބޭނުންވާނެކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރާގޮތުގައި ގާތްގަނޑަކަށް އަށްހާހެއްހާ މީހުން ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކުގައި ބައިވެރިވާނެ. އެކީ އެކި ލެވެލްގައި މިދެންނެވީ އިދާރީ މަސައްކަތުންގޮސް ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުންނާ އެކީ.މިއެއްމެންނަކީވެސް އަޅުގަނޑުމެން ތަމްރީން ކުރަން ޖެހޭނެ މީހުން." ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އޮފިޝަލުން ހޯދުމަށްޓަކައި މިހާރުވެސް އިއުލާނުތަކެއް ކޮށްފައިވާނެ ކަމަށެވެ. މީގެއިތުރުން މީގެކުރީގެ ރިޔާސީ އިންތިޚާބުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގެ އިތުރުން ލޯކަލް ކައުންސިލު އިންތިޚާބުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ހިމެނޭ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ. ދަފުތަރުގައި ތިބި މީހުންގެ އިތުރުންވެސް އިތުރު މީހުން ބޭނުންވާނެކަމަށް ފުއާދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ލަފާކުރެވޭ ގޮތުގައި 800 ވޯޓު ފޮށި ބެހެއްޓޭނެކަމަށެވެ. މިގޮތުން ރިސޯޓުތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި، ޖަލުތަކުގައި 25 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ މީގެއިތުރުން، ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެގައުމެއްގައި ވޯޓުލާން 150 މީހުން ތިބިނަމަ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅުމަށްޓަކައި ފޮރިން މިނިސްޓްރީއާއެކު މަސައްކަތްކުރެވެމުން ދާކަމަށް ފުއާދު ވިދާޅުވިއެވެ.