ހިނިތުންވުން ރަމްޒު ކޮށްދެނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އެއީ ހިތާމަ ވަންހަނާ ކުރާ ހަތިޔާރެއް ވެސް މެއެވެ.
ދިރިއުޅުމުގައި އަޅުގަނޑުމެން އެންމެން ވެސް ހިތާމަ ކުރަން ޖެހޭ ކަންކަމާ ދިމާވާނެއެވެ. ދިރިއުޅުމުގައި ވެސް އެކި މޫސުން އަންނަ ފަހަރު ދިމާވެއެވެ. ބަހާރު މޫސުމަށްފަހު ޚަރީފު މޫސުން ވެސް ދިރިއުޅުމުގައި އަންނަ ވާހަކަ އަކީ ދޮގެއް ނޫނެވެ. ނަމަވެސް ބަހާރުގައި ހިނިތުންވާ ފަދައިން ޚަރީފުގައި ވެސް ހިނިތުންވާން ދަސްކުރަން ވާނެއެވެ.
ހިތާމަ ކުރަންޖެހޭ ކަންތައްތަކާ ދިމާވުމުން ވެސް އެކަންކަމާ ކެތްތެރިވެ ފައްސިކޮށް ވިސްނަން ވާނެއެވެ. ސަބަބަކީ ދިރިއުޅުމުގައި ކޮންމެ ކަމެއް ވެސް ދިމާވާނީ ސަބަބަކާ ހެދި ކަމުގައި ގަބޫލު ކުރަން ޖެހޭތީއެވެ. އާނއެކެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ.
މީހެއްގެ ހިނިތުންވުމުން ދައްކުވައިދެނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އޭނާ ހިނިތުންވެފައި ހުރި ނަމަވެސް އޭނާގެ ހިތް އެތައް ކަމަކާ ނުތަނަވަސްވެފައި ހުރެދާނެއެވެ. ތުންފަތުގައިވާ ހިނިތުން ވުމަކުން އޭނާގެ ހިތުގައި ހުރި ޒަހަމްތަކެއް ނޭނގޭނެކަން ޔަގީނެވެ.
އެގޮތުން ލޯބީގެ މިސާލަކަށް ބަލާލަމާ ހިނގާށެވެ. ތިމާގެ ކުރީގެ ލޯބިވެރިޔާ އެހެން މީހަކާ އެއްކޮށް އުފަލުގައި އުޅޭތަން ފެނުމުން ވެސް ތިމާ ހިނިތުންވެފައި ހުރެދާނެއެވެ. އޭނާ އުފަލުގައި އުޅޭތީއެވެ. ނަމަވެސް ތިބާ އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އެހެން މީހަކާ އެއްކޮށް އުޅޭތަން ފެނުމުން ހިތަށް ނުހަނު އަސަރު ކުރެއެވެ. ކުރިން އެއްކޮށް އުޅުނު ދުވަސްތައް އިންތިހާއަށް ހަނދާންވެއެވެ.
ނަމަވެސް ތިބާގެ ލޮލުން ވެއްޓެން މަސައްކަތް ކުރާ ކަރުނައާ ތިބާ ހަނގުރާމަ ކުރެއެވެ. ނުރުއިމަށް އެތައް މަސައްކަތް ތަކެެއް ކުރެއެވެ. ހިތުގައި ހިކިފައި ނުފިލާ ހުރި އެތައް ފާރު ތަކަކާއެކު ވެސް ހިނިތުން ވެއެވެ. ނަމަވެސް އެ ހިނިތުންވުން ރަމްޒު ކޮށްދެނީ އުފާވެރިކަމެއް ނޫނެވެ. އެ ހިނިތުންވުން ވަންހަނާ ކޮށްދެނީ އޭނާގެ ހިތާމަތަކެވެ
މި ދެންނެވީ އެންމެ މިސާލެކެވެ. އެފަދަ ބައިވަރު ކަންކަން ހުންނާނެއެވެ. އާނއެކެވެ. ހިނިތުންވެފައި ހުންނަ ކޮންމެ މީހަކީ އުފާވެރި މީހެއް ނޫނެވެ. ހިނިތުންވުން ރަމްޒު ކޮށްދެނީ ހަމައެކަނި އުފާވެރިކަމެއް ވެސް ނޫނެވެ.