ޚަބަރު

ފުލުހުން އެންމެ އިސްކަމެއް ދޭންވީ ޕްރޮފެޝަނަލިޒަމް ހިފަހައްޓަން: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނަ އިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް ކަމަށެވެ. އަދި އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ޚާއްޞަ ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، އެގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަޙްނިޔާ ވިދާޅުވެ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

މިޖަލްސާގައި، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!