ރައީސް ޞާލިޙް، ނަޝީދަށް: ކޮވިޑާ ދެކޮޅަށް ކުރި މަސައްކަތްތައް މިއަދު ހަނދާން ނެތިއްޖެ
ކޮވިޑް-19 އިން ސަލާމަތްވުމަށް ސަރުކާރުން ކުރި މަސައްކަތްތައް މިއަދު “ބައެއް ބޭފުޅުން” ހަނދާން ނެތިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޮވިޑާއި ގުޅިގެން ބައެއް ކަންތައްތައް މަޑުޖައްސާލަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކޮވިޑުގެ އާލަމީ ވަބާއާއެކުގައި އަޅުގަނޑުމެންނަށް ބައެއް ކަންތައްތައް މަޑުޖައްސާލަން ޖެހުނު. ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް އޭރު ދެމުން އައީ ކުރިމަތިވި އާލަމީ ވަބާއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ގެނެސްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް” ރައީސް ވިދާޅުވިއެވެ.
އަދި އެ ވިސްނުމާއެކު ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި ލިބުނި ދެ އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން ފަސް އަހަރު ތެރޭ ނުކުރާހާ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެ ހަނދާނެއް މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަދޭ” ރައީސް ވިދާޅުވިއެވެ.
ޤަބޫލުކުރިޔަސް ނުކުރިޔަސް ކުރީގެ ރައީސް ނަޝީދުގެ ފިއްތުންތަކާހުރެ ޤައުމު ހުޅުވާނުލިނަމަ މިއަދު އޮންނާނީ ސްރީލަންކާގެ ޙާލަތުގައި، ނަޝީދު މާމޮޅު އަދި މާރަނގަޅު ވެގެނެއްނޫން. އެކަމަކު ޤައުމު ސާލާމަތުގެ އައްސޭރިއަކަށް ގެނައުމަށްޓަކައި މަޖިލިސް މެދުވެރިކޮށް ނަޝިދު ސަރުކާރާށް ކުރި ޕްރެޝަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރިކަމެއް. ކޮވިޑް މެނޭޖްކުރުމުގައި ނަޝިދަކީވެސް ދައުރެއް އަދާކުރިމީހެއް.