އެއްވެސް ޕްލޭނެއް ނެތި، ތަރައްޤީ ކުރަން އުޅުމަކީ ކަނޑުގައި ރޮނގެއް އެޅުން ފަދަ ކަމެއް: ރައީސް
އެއްވެސް ޕްލޭނެއް ނެތި، ތަރައްޤީ ގެންނަން އުޅުމަކީ ކަނޑުގައި ރޮނގެއް އެޅުން ފަދަ ކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހދ.ހަނިމާދޫގެ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރަން ފެށުމުގެ ރަސްމިއްޔާތުގައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙުގެ ވާހަކަފުޅުގައި މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަން މަސައްކަތް ކުރަނީ، ވަރަށް ރޭވުންތެރިކަމާއެކުގައި، ޕްލޭނެއް އޮވެގެން ކަމަށް ވިދާޅުވިއެވެ.
"ކުރާ ކޮންމެ މަސައްކަތަކާއި، ހިނގާ ކޮންމެ މަޝްރޫޢެއް ހިންގަނީ މި ދެންނެވި ގޮތަށް. މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްޤީގެ ބަދަލު، އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ، އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް، ކަން ކުރީމާ ދެން ވަނީ މާދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ޙިކުމަތާއި ކެތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ."
ރައީސް ވިދާޅުވި ގޮތުގައި، ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު، ސަރުކާރުން ފެށީ އެ ބީދައިންނެވެ.
ރައީސް ވިދާޅުވީ ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއިރު، އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށާއި، ކޮންމެ ކަމަކަށްވެސް ދެމެހެއްޓެނިވި ވިސްނުމަކާއި، ފެން ހިލޭ ޕްލޭނެއް އޮންނަންވާނެ ކަމަށެވެ.
"މިއަދު ޢަމަލީ މަސައްކަތް މި ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި."
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ހަނިމާދޫގެ އެެއާޕޯޓް ތަރައްޤީވެ ނިމުމުން، އެ އެއާޕޯޓަކީ އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
"2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކީ ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާބޯޓުފަހަރަށް އަޅާ ރަންވޭއެއް. މީގެއިތުރަށް، ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ޤާއިމްކުރެވޭނެ."