ވިހިބާވީސް: ކުޅިވަރުގެ އީދާއި މޮޅިވެރިކަން
މިދިޔަ އަހަރަކީ ކުޅިވަރުގައި ތަފާތު އެތައް ކަމެއް ހިނގި އަހަރެކެވެ. ބޮޑު ކުޅިވަރު މުބާރާތެއް ފެނިގެން ދިޔައިރު، ކުޅިވަރުގެ އާއިލާ ރޮއްވާލި އެތައް ކަމެއް ވެސް ފެނިގެންދިޔައެވެ.
އަހަރުގެ ބޮޑު އިވެންޓް؛ ވޯލްޑްކަޕް
މިދިޔަ އަހަރުގެ އެންމެ ބޮޑު ، ކުޅިވަރު އިވެންޓް އޮތީ އަހަރުގެ ފަހުކޮޅުގައެވެ. އެއީ ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ވޯލްޑްކަޕް މުބާރާތެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕަކީ އިސްލާމީ ޤައުމެއްގައި މި މުބާރާތް ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. ހުޅަނގުގެ ގިނަ ފާޑުކިޔުންތަކާ އެކުގައި ވެސް ޤަތަރުން ވަނީ ފެންވަރު ރަނގަޅު މުބާރާތެއް ބާއްވައި ތާރީޚްގެ ތެރެއަށް ވަދެފައެވެ.
ގަތަރުގެ އަރަބި އިސްލާމީ މެހެމާންދާރީގެ ސަބަބުން މުޅި ދުނިޔެ ވަނީ އާޝޯޚްކޮށްލައިފައެވެ. އޭގެ އިތުރުން މި އަަހަރުގެ ވޯލްޑްކަޕްގައި ހައިރާންކުރުވަނިވި މެޗްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ، ޗެންޕިއަންކަން ހޯދި އާޖެންޓީނާއަތުން ސައުދީ ވަނީ 1-2ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ މި ވޯލްޑްކަޕްގައި އާޖެންޓީނާ ބަލިވި ހަމައެކަނި މެޗެވެ.
ވޯލްޑްކަޕްގައި މި ފަހަރު ވިދާލި ޓީމުތަކުގެ ތެރޭގައި ދެން ހިމެނެނީ މޮރޮކޯއެވެ. ވޯލްޑްކަޕްގެ ހަތަރުވަނަ އެ ޤައުމުން ހޯދިއިރު، ގިނަ ބައެއްގެ ލޯބި ވެސް ވަނީ ހޯދައިފައެވެ. މިއީ މި މުބާރާތުގެ މި ހިސާބަށް ދަތުރު ކުރި އެފްރިކާގެ ފުރަތަމަ ޤައުމެވެ. ގިނަ ދިވެހިންގެ ފޭވްރިޓް ރޮނާލްޑޯގެ ޕޯޗުގަލް މުބާރާތުން ކަޓުވައިލީ ވެސް މޮރޮކޯއިން ހޯދި މޮޅާއެކުގައެވެ.
ވޯލްޑްކަޕްގެ ފައިނަލްގައި ބައްދަލުކުރީ އާޖެންޓީނާއި، ކުރީގެ ޗެންޕިއަން ފްރާންސެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އާޖެންޓީނާ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
އާޖެންޓީނާގެ މި މޮޅާ އެކު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ލިބެން ހުރި ހުރިހައި ތައްޓެއް ހާސިލްކޮށްފައެވެ.
ވޯލްޑްކަޕްގެ ޖޯޝާއި ފޯރީގައި ތިއްބައި ކުޅިވަރުގެ އާއިލާ ރޮއްވައިލީ ޕެލޭގެ މަރުގެ ޚަބަރާއެކުއެވެ. ތިން ވޯލްޑް ކަޕް އުފުލައިލި ހަމައެކަނި ކުޅުންތެރިޔާ މަރުވެފައި ވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަނިކޮށެވެ..
އޭގެ ފަހުން ދުނިޔޭގެ ކުޅިވަރުގައި އެންމެން ސިއްސުވައިލި ޚަބަރަކަށް ވެގެންދިޔައީ، މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗާއި މެނޭޖްމަންޓަށް ފާޑުކިޔުމުގެ ސަބަބުން ކޮންޓްރެކްޓް އުވައިލި، ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ ކްލަބަކަށް ސޮއި ކުރި ޚަބަރެވެ. ސައުދީގެ އަލް ނަސްރު ކުލަބަށް ރޮނާލްޑޯ ސޮއިކޮށްފައި ވަނީ އަހަރަކު 200 މިލިޔަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮނާލްޑޯގެ މި ނިންމުމާ އެކު 2030ވަނަ އަހަރު ސައުދީގައި ވޯލްޑްކަޕް ބޭއްވުމަށް އެ ޤައުމުން ކުރާ މަސައްކަތަށް އިތުރު ބޮޅެއް އިތުރުވެގެންދާނެއެވެ.
ދިވެހި ފުޓްބޯޅައިގައި މާ ބޮޑު ކާމިޔާބީއެއް ނެތް
ދިވެހި ފުޓްބޯޅައަށް ބަލައިލާއިރު، މިދިޔަ އަހަރު ފުޓްބޯޅަ ފޭނުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނުވީ، ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ދެ ކްލަބް، ނިއު ރޭޑިއަންޓާއި ވިކްޓްރީގެ ސަސްޕެންޝަން އުވައިލުމެވެ. މާލީ ދަތިކަމާއެކު ޖެހުނު މައްސަލަ ތަކުގެ ސަބަބުން ސަސްޕެންޝަންގައި އޮތް މި ދެ ކްލަބްގެ ދަރަނިތައް ރައީސް ޞާލިޙް ވަނީ ދެއްކުމަށް މަގުފަހިކޮށްދީފައެވެ.
މިދިޔަ އަހަރު ޤައުމީ ފުޓްބޯޅަ ޓީމަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އެކުވެރިކަމުގެ ތިން މެެޗެއްގައި ރާއްޖެއިން ވަނީ ކާމިޔާބީ ހޯދައިފައެވެ. އެއީ ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އަތުން 1-0ގެ ނަތީޖާއަކުންނާއި ބުރުނާއީ 3-0އިން، ލާއޯސް 3-1ގެ ނަތީޖާއަކުންނެވެ. އޭޝިއަން ކޮލިފައިންގައި ރާއްޖެއިން ލަންކާ ވަނީ 1-0ގެ ނަތީޖާއަކުން ބަލިިކޮށްފައެވެ. އޭގެ ފަހުން ކުޅުނު މެޗްތަކުން ރަނގަޅު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން 4-0ގެ ނަތީޖާއަކުން ތައިލެންޑް އަތުން ބަލިވިއިރު އުޒްބަކިސްތާނު އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. އަހަރުގެ ފަހުކޮޅުގައި މެލޭޝިއާ އަދި ސިންގަޕޫރު އަތުން ވެސް ދިވެހި ޓީމް ވަނީ ބަލިވެފައެވެ.
ދިވެހި އެތްލީޓުންނަށް ކާމިޔާބީތަކެއް
މިދިޔަ އަހަރު ރާއްޖޭގައި ކުޅިވަރުގެ ބައިނަލްއަޤްވާމީ ، ބޮޑު ތިން މުބާރާތެއް ވަނީ ބާއްވައިފައެވެ. އެއީ ބޮޑީބިލްޑިން، ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ޓީޓީ މުބާރާތެވެ.
ބާސްކެޓްބޯޅައިން ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ޖޫނިއާ ޓީޓީ މުބާރާތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ކެޑޭޓް ސިންގަލްސް ބައިން ރިހި މެޑަލްއެއް ހޯދައިފައެވެ.
ރާއްޖެއިން ބައިވެރިވި އިތުރު ކުޅިވަރު މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ވަނީ ހޯދައިފައެވެ. އެގޮތުން، އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުން ރާއްޖެއިން ބައިވެރިވި، އާދަމް ނަސީމް (އެޑަމް)އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޖޯޑު ވަނީ ރަން މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން، ތައިލެންޑުގައި އޮތް ވޯލްޑް ބޮޑީބިލްޑިން މެން ސްޕޯޓްސް ފީޒީކް ޗެމްޕިއަންޝިޕުގެ އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން، ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފައެވެ. އޭގެ ކުރިން މިދިޔަ އަހަރު އޭނާ ވަނީ ރާއްޖޭގައި ބޭއްވި އެޝިއަން ޗެމްޕިއަންޝިޕުން ވެސް ރަން މެޑަލް ހޯދައިފައެވެ.