ރިޕޯޓް

ވިހިބާވީސް: ދުނިޔޭގެ ބާރުތައް އެ ފުށް މި ފުށަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022ވަނަ އަހަރަކީ ދުނިޔޭގެ މަސްރަޙްގައި ގިނަ ކަންތައްތަކެއް ހިނގި އަހަރެކެވެ. ބޮޑު ހަނގުރާމައެއްގެ ބިރު ބޮޑުވިއިރު، ދުނިޔޭގެ އެކި ބާރުތައް އެފުށް މިފުށަށް ޖެހުނު އަހަރެކެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިންއަށް

މިދިޔަ އަހަރު ހިނގި އެންމެ ނުރައްކާތެރި އެއް ކަމަކީ ރަޝިއާގެ ރައީސް. ޕޫޓިންގެ އެންގުމަކަށް، އެ ޤައުމާ އިންވެގެން އޮންނަ ޔޫކްރެއިންއަށް ރަޝިއާއިން ހަތިޔާރާ އެކު އެރުމެވެ. ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އޭރު އުފެދުނު އިރު، ރަޝިއާގެ އަމާޒަކަށްވީ މަސް ދުވަހުގެ ތެރޭގައި ޔޫކްރެއިން ހިފުމެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ވަނީ ދިގު ލައިގެން ގޮސްފައެވެ. ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ފެށި މި ހަނގުރާމަ އަދި ވެސް ދަނީ ކުރިޔަށެވެ. ހުޅަނގުގެ ވާތްގާ އެކު ޔޫކްރެއިންއިން ދަނީ އެ މީހުންގެ ސަފުތައް ވަރުގަދަކަން ދައްކަމުންނެވެ.

ލަންކާގެ ވެރިކަން ބަދަލުވުން

ލަންކާގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރަމުން އައި ރާޖަޕަކްސަ އާއިލާއަށް އެ ޤައުމުގެ ވެރިކަން ދޫވެގެން ދިޔައީ މިދިޔަ އަހަރުގެ ތެރޭގައެވެ. ކޮވިޑް-19ގެ ސަބަބުންނާއި އެތައް އަހަރެއް ވަންދެން ވާރުތަވަމުން ދިޔަ ދަރަނީގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުން މަގުތަކަށް ނިކުތުމެވެ. ޕެޓްރޯލް ނުލިބުމާއި، ކާނެ ތަކެތި އިންޕޯޓް ކުރެވޭ ވަރަށް ފައިސާ ނެތުމުން، ރައްޔިތުން ވަނީ މުޒާހަރާއަށް ނިކުމެ، ވެރިކަން ވައްޓައިލައިފައެވެ. ޖުލައި މަހުގެ ތެރޭގައި ރައީސް ގޮޓާބަޔާއާއި ބޮޑުވަޒީރު މަހިންދާގެ އިސްތިއުފާ ދެއްވަން އެ ޤައުމުގެ ރައްޔިތުން މަޖުބޫރު ކުރިއެވެ. އަމިއްލަ ޤައުމުން ފިއްލަވައިގެން ގޮޓަބަޔާ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ގޮޓަބަޔާއަށް ފަހު ލަންކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ، ރަނިލް ވިކްރަމަސިންހާއެވެ. ލަންކާގެ އިޤްތިޞާދު އަދިވެސް އޮތީ ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ.

ރާނީ އެލިޒިބަތުގެ ވަކިިވުން

އިނގިރޭސިވިލާތުގައި ތާރީޚީ ރާނީގެ ގޮނޑީގައި 70 އަހަރު ވަންދެން ރެދަލިކުރެއްވި، ރާނީ އެލިޒިބަތު 2 އަވަހާރަވީ މިދިޔަ އަހަރު ސެޕްޓެންބަރު މަހު އަށްވަނަ ދުވަހުއެވެ. ރާނީ އެލިޒިބަތަށް ފަހު ވެރިކަމާ ހަވާލުވެ، ވަޑައިގަތީ ޕްރިންސް ޗާލްސްއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ވެގެން ގޮސްފައި ވަނީ އިނގިރޭސި ވިލާތުގައި ސިޔާސީ ހަލަބޮލިކަމެއް ފެނުނު ދުވަސް ވަރަކަށެވެ. މިގޮތުން ބޮޑު ވަޒީރުކަމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން ދެން ވަޑައިގެންނެވި ލިޒް ޓްރަސް ވެސް ދެތިން މަސް ތެރޭ އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން އިންޑިޔާ ދަރިކޮޅުގެ ރިޝީ ސުނަކް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވިއެވެ. މިއީ އެ ޤައުމުގެ ބޮޑު ވަޒީރަކަށް ދޮން ނަސްލުން ނޫން އެހެން ނަސްލެއްގެ މީހަކު އައި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ރައީސަށް ތިންވަނަ ދައުރެއް

ދުނިޔޭގެ އިޤްތިޞާދީ އަދި މިލިޓަރީ ބާރެއް ކަމަށްވާ ޗައިނާގެ ރައީސްކަމުގެ ތިންވަނަ ދައުރެއް، އެ ޤައުމުގެ މިހާރުގެ ރައީސް ޝީ ޖިންޕިންއަށް ދެވިގެން ދިޔައީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. މިއީ ޗައިނާގެ ކޮމިއުނިސްޓް އިންޤިލާބަށް ފަހު އެންމެ ގިނަ އަހަރު ވަންދެން އެ ޤައުމުގައި ވެރިކަން ކުރައްވާނެ ރައީސެވެ. މީގެ ކުރިން ތިން ދައުރެއްގައި ވެރިކަން ކުރައްވައިފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ބާނީ މާއޯ ޒެޑޮންގްއެވެ. ރައީސް ޝީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑު ކިޔުން ވެސް މިދިޔަ އަހަރު ވަނީ އަމާޒުވެފައެވެ. އެގޮތުން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޓައިވާނަށް ޗައިނާއިން ދަނީ އަތްގަދަ ކުރަމުންނެވެ. އަދި އުއިގުރޫ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގައި ހިންގަމުން އަންނަ ރަހުމްކުޑަ ގޮތްތައް ފަޅާ އަރައި، ދުނިޔޭގެ ފާޑު ކިޔުން އެކަމަށް އަމާޒުވެގެން ދިޔައީ ވެސް މިދިޔަ އަހަރުއެވެ.

އިމްރާން ޚާން ވެރިކަމުން ދުރުކުރުމާއި ޕާކިސްތާނުގައި ފެން ބޮޑުވުވުން

ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ނިންމައި، ބޮޑު ވަޒީރުކަމުން އޭނާ ދުރުކުރީ މިދިޔަ އަހަރު މާރިޗް މަހުގެ ތެރޭގައެވެ. އިމްރާން ވިދާޅުވާ ގޮތުގައި އޭނާ މަޤާމުން ދުރުކުރީ ހުޅަނގުން ބޭނުންވެގެންނެވެ. އަދި މިހާރު އޮތް ، ޝަހުބާޒު ޝަރީފުގެ ސަރުކާރަކީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި "އިންޕޯޓް" ސަރުކާރެކެވެ. އައު ސަރުކާރާ ދެކޮޅށް އިމްރާންޚާން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޮޑު މުޒާހަރާތަކެއް ބާއްވައިފައެވެ. މުޒާހަރާގެ ތެރެއިން އިމްރާން ޚާން އަވަހާރަކޮށްލުމަށް ނޮވެންބަރު މަހުގެ ތެރޭގައި ހަމަލާއެއް ދެވުނެވެ. ނަމަވެސް ވަޒަން އަރައިފައި ވަނީ އިމްރާންޚާންގެ ފަޔަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާއެއް ވަނީ ހިނގައިފައެވެ. ބިކަވެފައި އޮތް ޕާކިސްތާންގެ އިގްތިޞާދަށް މި ކާރިސާގެ ސަބަބުން އިތުރު ގެއްލުންތަކެއް ލިބުނެވެ.

ދުނިޔޭގެ އާބާދީ 8 ބިލިޔަނަށް

ދުނިޔޭގެ އާބާދީ 6 ބިލިއަނުން 7 ބިލިއަނަށް ބަދަލުވި ފަހުން އިތުރު ބިލިއަނެއްގެ ބަދަލު ވެސް އައީ މި ދިޔަ އަހަރުތެރޭގައެވެ. 2012ގައި އިތުރުވި ބިލިއަނަށް ފަހު ބިލިއަންގެ ބަދަލެއް މި އައީ 10 އަހަރު ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!