ޚަބަރު

ރައީސް ޔާމީންގެ ގެކޮޅާއި މުދާ ނެގުމަށް ސަރުކާރުން ދަނީ ރާވަމުން: އިދިކޮޅު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

Ads by Hajj Corporation

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މިސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތްތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ހޯމަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ގެޒެޓްކުރި ގަވައިދަކީ ކަނޑައެޅިގެން މި މަގުސަދު ހާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ހީލަތްތެރި ރޭވުމެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"މީހުންގެ އަމިއްލަ މުދާ މިފަދަ ގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް، އަދި މިއީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައިދެކެން،" އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މި ސަރުކާރު ފެއިލް ވެ، ގޮތްހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ މުސްތަގުބަލުގައި އެފަރާތްތަކަށް ވެސް ކުރިމަތިލާން ޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށެވެ. ރައީސް ޔާމީނަށް ނުޙައްގުން ދެމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިނިވަން ކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މިދިޔަ ހޯމަ ދުވަހު އެމްއެމްއޭ އިން ގެޒެޓްކުރި ގަވާއިދުގައި ވަނީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތެވެ. އެގޮތުން ދައުލަތަށް ނެގޭ ފައިސާ އާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންވާނެ ކަމަށާއި މި އެކައުންޓުން ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!