ޕާކިސްތާނުގެ ބޮޑުބައި ކަނު އަދިރީގައި
ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑަށް ދިމާވި މައްސަލަ ގުޅިގެން މިއަދު ގިނަ އިރުތަކެއް ވަންދެން ޕާކިސްތާނުގެ މައި ސިޓީތަކުގައި ކަރަންޓް ނެތްކަމަށް ޚަބަރު ލިބެއެވެ.
މިގޮތުން ހެނދުނު 7:30ހާ އިރުން ފެށިގެން، އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީ، ވެރިރަށް އިސްލާމްއާބާދް، ލާހޫރު އަދި ޕެޝާވަރުވެސް ހިމެނޭހެން ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ވުމާއެކު 231 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ގިނަ މީހުން މިއަދު ހޭދަކޮށްފައިވަނީ ކަރަންޓާ ނުލައެވެ. މަގުމަތީގެ ޓްރެފިކް ލައިޓްތައްވެސް ނުޖެއްސިފައި ހުރިއިރު، މުވާސަލާތީ ޚިދުމަތްފަދަ އެހެނިހެން ކަންކަމަށްވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
މިކަމާގުޅިގެން ޕަވަރ މިނިސްޓަރ ވިދާޅުވެފައިވަނީ، މުޅި ޕާކިސްތާނުންހެން ކަރަންޓް ކެނޑެން ދިމާވެފައިވަނީ އިންޖީނުތައް ޖެއްސި ވަގުތެއްގައި، ފްރީކުއެންސީ ދިމާނުވެގެން ފަހަރަކު އިންޖީނެއް ނިވެމުން ނިވެމުން ގޮސް ހުރިހާ އިންޖީނެއް ނިވުމުން ކަމަށެވެ.
އެހެންވެސް ގައުމުތަކެކޭ އެއްފަދައިން ޕާކިސްތާނުގައިވެސް މިހާރު ކުރިއަށްދަނީ ފިނި މޫސުން ކަމަށް ވުމުން، ހޫނު މޫސުމުގައި ކަރަންޓު ބޭނުންވާވަރަށް މިދުވަސްވަރު ކަރަންޓު ބޭނުން ނުވާކަމަށް ވެއެވެ. އެހެންކަމުން ކަރަންޓްގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު ގިނަ ވަގުތުތަކަކަށް މިހާރު ކަރަންޓު ކަނޑާލާކަމަށް ވެއެވެ. އެގޮތުން މިއަދު އިންޖީނުތައް ފެއިލްވެފައިވަނީ އެގޮތަށް މައި އިންޖީނުތައް ނިއްވާފައި ހެނދުނު އަލުން ޖެއްސި ވަގުތު ކަމަށް ވެއެވެ. އަދި މިކަން ރަނގަޅުކުރުމަށް ގާތްގަނޑަކަށް 12 ގަޑިއިރު ނަގާނެކަމަށް ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
އިގްތިސާދީ ދަތިކަން މިވަގުތު ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ޕާކިސްތާނުގައި، ޚަރަދު ކުޑަކުރުމުގެގޮތުން ޝޮޕިން މޯލް ތަކާއި ކެފޭތައް ރޭގަނޑު އަވަހަށް ބަންދުކުރުމަށްވެސް ދާދި ފަހުން ވަނީ އަންގާފައެވެ.