ހިޔާލުފާޅުކުރުމުގައި އަނެކާއަށް ދުއްތުރާ ކުރާނަމަ ސަރުކާރުން އެކަމާ ވިސްނާނަން: ރައީސް
ހިޔާލުފާޅުކުރުމުގައި އަނެކާއަށް ދުއްތުރާ ކުރާނަމަ ސަރުކާރުން ދެން ޖެހޭނީ އެކަމާ ވިސްނަން ކަމަށާއި ހިޔާލުފާޅު ކުރުމުގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ހިޔާލުފާޅު ކުރުމާއި ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ ވެރިކަމަށް އައި އިރުގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއްކަމަށެވެ.
"އެހެންނަމަވެސް 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު އެއްވެސް ހުރަހެއް ނެތި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ނޫސްވެރިކަމުގެ މިނިވަން ކަން އެއްވެ އުޅުމުގެ މިނިވަން ކަން ދޫކޮށްލީ އެހެންނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ ތިމާ ފާޅުކުރާ ހިޔާލެއް ނޫނީ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްސިއްޔާ ދެން ޖެހޭނީ އެޔާ ދޭތެރޭ ވެރިކަމުގައި ތިބި ބަޔަކު ވިސްނަން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ބައެއް ފަހަރު އެމަންޒަރު އެބަ ފެންނަކަމަށާއި އެހެންނަމަވެސް އެއްވެސް ހާލެއްގައި އެއްވެސް އުޅުން މަނާނުކުރައްވާނެކަމަށެވެ. އަދި ހިޔާލު ފާޅުކުރުން ވެސް ނުހުއްޓުވާނެކަމަށް ވިދާޅުވެ ރައީސް ވަނީ ޝުއޫރު ފާޅުކުރި ނަމަވެސް ދެންތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެބޭފުޅުންވެސް ކުރިއަށް ގެންދަވަންވީ ކަމަށާއި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވަން ކެރިވަޑައިގަންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.