މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ގަޑުބަޑުކުރެއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ސަމާލުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވައިފިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭކަމަށެވެ.
"މި ޕްރައިމަރީގައި މިހާރު އަޅުގަނޑުމެންނަށް އައިސް މިތިބެވެނީ ނިމުމަކާއި ހަމައިގައި ބާކީ މިއޮތީ ކެމްޕޭނެއް ކުރަން 4 ދުވަސް މިހާހިސާބަށް އައިއިރު މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭ. ވިސްނަވަން ވާނެ އެކަމާ ދޭތެރޭގައި ބޭނުމަކީ ކޮބައިކަން އޭގެ ބައެއް ރަށްރަށުން މިހާރު އެމަންޒަރު ފެންނަމުން އެބަދޭ ތިބޭފުޅުން ވިސްނަވަން ވާނެ އޭގެ މަގްސަދަކީ ކޮބައިކަން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅުން އެގޮތަށް ކަން ކުރަމުން އަންނަނީ މި އިންތިޚާބުގައި ކިރިޔާވެސް ވާދަކޮށްލެވެން އޮތީ އެގޮތަށް ކަންކަން ކޮށްގެން ކަމަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް އެމްޑީޕީން ދައްކަމުން ގެންދަނީ ފުރިހަމަ ޑިމޮކްރެޓިން ނަމޫނާއެއް ކަމަށާއި، މި އިންތިޚާބުވެސް މުޅި ރާއްޖެއަށް ނަމޫނާއަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީވެސް މީގެތެރެއަށްވަދެ މިކަން ގަޑުބަޑުކޮށްގެން ކަމަށް އެބޭފުޅުންނަށް ފެންނާތީ އެބޭފުޅުން ނިކުމެ އެތިބީ. އަޅުގަނޑުމެން މިގެންދަނީ ފުރިހަމަ ޑިމޮކްރެޓިކް ނަމޫނާއެއް ދައްކަމުން މިޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއެއް. ޕާޓީ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ. ޝައްކެއްވެސް އޮތްކަމެއް ނޫން މިހާތަނަށްވެސް އަޅުގަނޑުމެން އެކަން ކޮށްފައި އޮތީ އެގޮތަށް. ނަމޫނާ ދައްކަމުން މިގެންދަނީ މި ޕްރައިމަރީވެސް ވެގެންދާނެ ރާއްޖެއަށް ނަމޫނާއަކަށް" ރައީސް ފާހަގަ ކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިނގެން އޮތް ހަޤީޤަތަކީ މި ޕްރައިމަރީއާއެކުގައި އިރާދަކުރެއްވިއްޔާ މޮޅުވާނެކަމަށާއި މޮޅުވުމާއެކުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ މަގު އެބައޮތް ކަމަށެވެ.
އަދި އެ ފޯމިއުލާ އެބައޮތް ކަމަށާއި، އެކަން ދައްކަމުން އަންނަ އިރު އެކަމެއް އެބޭފުޅުންނަކަށް ޤަބޫލެއް ނުކުރެވޭކަމަށެވެ.