ޚަބަރު ސިޔާސީ

ޑީއާރުޕީ އުވާލަން ނިންމި ނިންމުން، ކޯޓަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ދުވަސްވީ އެއްޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަށް އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ އެޕާޓީން ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

އޮންލައިން ނޫހެއް ކަމުގައިވާ "ސީއެންއެމް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިލެކްޝަން ކޮމިޝަނުން ޑީއާރުޕީ  އުވައިލުމަށް ނިންމުމުން އެކަން ހޯމަ ދުވަހުވަނީ ކޯޓަށް ހުށައަޅާފައެވެ. އަދި އެކަން ކޯޓުން ކާމިޔާބު ނުވެއްޖެނަމަ އިތުރު ޕާޓީއެއް އުފައްދާނެކަމަށް ޑީއާރުޕީގެ ލީޑަރު ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެޕާޓީއަށް ކިޔާނީ ޖޭޑީޕީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 2023ގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވައިލަން ނިންމުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ޢަމަލެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީ އުވާލުމަށް ނިންމާފައިވާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގަވައިފައެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. އެ ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. ޑީއާރުޕީގެ ލީޑަރު ކަމަށް ޖާބިރު ހަމަޖެއްސީ ޖުލައި 23، 2019ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!