މިފަދަ ހާލަތެއްގައި ޖޫރިމަނާ ކުރަން ޖެހޭނީ ހިލޭ މާސްކު ދިނުމަށް ފަހު: ޖާބިރު

ކޮވިޑް-19އާ ގުޅިގެން ރައްޔިތުން މިހާ ނިކަމެތިކޮށް ތިބި ވަގުތެއްގައި މާސްކް ނޭޅުމުން ޖޫރިމަނާ ކުރަން ވާނީ ހިލޭ މާސްކް ދިނުމަށް ފަހު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މަގުމަތީގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާސްކު ނާޅައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރެއެވެ.
މިކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާ ސުވާލު ކުރައްވަމުން ވިދާޅުވީ މާސްކް އަޅަން އަމުރުކެރެއްވި އިރު ހިލޭ މާސް ނުލިބޭ ގޮތައް އަމުރުކޮށްފައި މާސްކް ނޭޅުމުން ޖޫރިމަނާއެއް އަންނަނީ ކީއްވެގެންތޯއާއި ރައްޔިތުން މިހާ ނިކަމެތިކޮށް ތިބި ވަގުތެއްގައި މާސްކް ނޭޅުމުން ޖޫރިމަނާ ކުރައްވަން ވާނީ ހިލޭ މާސްކް ދިނުމަށް ފަހު ކަމަށެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޖޫރިމަނާ ކުރާ ކޮންމެ ކަމެއްގައި އޮންނަން ޖެހޭނީ ހިލޭ ހިދުމަތެއް ނޫން ކަމަށާއި ސައިކަލު ނުބައި ތާކު ޕާކް ކުރުމުގެ ސަބަބުން ވެސް ޖޫރިމަނާ ކޮށް އަދަބު ލިބޭ ކަމަށެވެ.
އަދި މާސްކް ނޭޅުމުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ މީހާގެ ފުރާނަ ނޫން ކަމަށާއި އޭނާގެ ވަށައިގެންވާ އެހެން މީހުންގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާތީ ކަމަށެވެ. އަދި ބައެއް ފަަހަރު ކަމެއް ނޫންކަމަށް ހީކޮށް ދޫކޮށްލެވޭ ކަމެއްގެ ސަބަބުން އެތައް ބަޔަކު އެކަމަށް ހުށަހެޅިގެންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަދި މާސްކް އެޅުމަކީ ދުނިޔޭގެ ހުރިހާ ދިރާސާތަކާއި ހުރިހާ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި މި ފެތުރުން ލަސް ކުރުމަށާއި ބަލިން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އަމީން ވިދާޅުވިއެވެ.