އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ޓިކެޓް ހޯއްދެވުމާ އެކު، ﷲގެ އިރާދަފުޅުން، މި ވަގުތަށް ޤައުމު ސަލާމަތްވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މަލިޖިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ފުރައްސާރަ އާއި އުނދަގޫތައް ގިރާކޮށް ރައީސް ސޯލިހު މަރަދޫ ދާއިރާގެ ކެމްޕޭންގައި ކުރި ބުރަ މަސައްކަތް ފާހަގަކޮށް ހައްގު ޝުކުރު ވެސް އަދާކުރަން." މަވޯޓާ ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑު މި ޕްރައިމަރީގައި ރައީސް ޞާލިޙް ވާދަކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއެވެ. އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު ރައީސް ޞާލިޙަށް ލިބިފައިވަނީ 18،200 ވޯޓެވެެ. އަދި ރައީސް ނަޝީދަށް ލިބިފައި ވަނީ 10،669 ވޯޓެވެ.
މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. މި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ވާދަވެރި އިންތިހާބެވެ. ރައީސް ޞާލިޙް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް އެމަނިކުފާނަށް ވަނީ ކަށަވަރުކުރައްވާފައެވެ.
މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.