އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުވުމާއެކުގައި، ވަަރަށް އަވަހަށް ރަނިންމޭޓަކިކު ކަނޑައެޅުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ޕްރައިމަރީގައި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި، ހޯއްދެވުނު ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން، ރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ތައްޔާރީތައްވާން ފަށާ އިރު، ޕާޓީގެ ތެރޭގައި ވަރަށް އަވަހަށް ރަނިންމޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާނެ ކަމަށެވެ.
2018 ވަނަ އަހަރުގައި ރައީސްއާއެކުގައި ރަނިންމޭޓަކަށް ނުކުންނެވީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.90 އިންސައްތަ ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61.10 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ.
އިއްޔެގެ އިންތިޚާބުގައި މާލެ، ފުވައްމުލައް، އަދި އައްޑޫ ސިޓީންވެސް މެޖޯރިޓީ ނެންގެވީ ރައީސްއެވެ. ރައީސް ނަޝީދަށް ހަމައެކަނި ލިބިވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއެވެ. މާލެއިން ރައީސްއަށް 1،719 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 1602 ވޯޓެވެ.