ކްރިމިނަލް ކޯޓުގެ އިސްފަނޑިޔާރު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗައް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙުމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފިއެވެ.
ރައީސް ޔާމީނަށް އިއްވި ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ކުރަމުން އަންނައިރު، ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުން އިދިކޮޅުން ދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ގއ. ވޮޑަމުއްލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޖަލުހުކުން ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ވަނީ އެ ޙުކުމަށްފަހު ހައިކޯޓު މަރުހަލާވެސް ކަޑައްތުކުރުމަކާ ނުލައި ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރައްވައިފައެވެ.
ފަނޑިޔާރު ޝަކީލު ރައީސް ޔާމީނަށް އިއްވެވި ޖަލު ޙުކުމަކީ ސިޔާސީ ނުފޫޒާއެކު އިއްވާފައިވާ ސިޔާސީ ހުކުމެއްކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.
ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމުގެ ތެރެއިން ފަހުން ޖޭއެސްސީން އިޢުލާން ކުރި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 12 ޖެހި އިރުވަނީ ހަމަވެފައެވެ.