ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮވިޑާއި ގުޅިގެން އެހީއާއި ލޯންގެ ގޮތުގައި ރާއްޖެއަށް ލިބުނު 24.2 ބިލިއަން ރުފިޔާ ޚަރަދުވި ގޮތް ހާމަކުރުމަށް ޝިޔާމް އެދިއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެހީއާއި ލޯންގެ ގޮތުގައި ލިބުނު 24.2 ބިލިއަން ރުފިޔާ ޚަރަދުވި ގޮތް ހާމަކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

މި މައްސަލަ ބެލުމަށް ޝިޔާމް މަޖިލިހަށް ހުށަޅާ ފޮނުވި ސިޓީގައި ވަނީ ކޮވިޑް-19އާ ގުޅިގެން ވެސް އެހީގެ ގޮތުގައި ގިނަ އެހީތަކެއް ރާއްޖެއަށް ލިބިފައިވާ ކަމުގައެވެ. އެގޮތުން 24.2 ބިލިއަން ރުފިޔާ އެހީގެ ގޮތުގައި ލިބިފައިވާއިރު، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ވިޔަފާރިތައް ބަގުރޫޓުވެ، ދަރިންގެ ކިޔެވުން ހުއްޓި އަނބުރައި ރަށަށް ހިޖުރަކުރުން ގިނަ ރައްޔިތުންތަކަކަށް މަޖުބޫރުވެފައިވާ ކަމުގައި ޝިޔާމު ފާހަގަކުރެއްްވިއެވެ. އެހެންކަމުން ސަރުކާރަށް ލިބެމުންދާ އެހީއާއި އެއެހީތައް ބޭނުންކުރާ ގޮތުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރަން ގޮވާލާ މައްސަލައެއް މަޖިލިހަށް ހުށަހެޅުއްވި ކަމުގައި ޝިޔާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޝިޔާމު ހުށަހެޅުއްވި މައްސަލާގައި މިސަރުކާރަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފުސީލުތައް ހިމަނުއްވާފައިވެއެވެ. އެގޮތުން އިންޑިޔާއިން ކަރަންސީ ސުވޮޕުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން 771 މިލިއަން ރުފިޔާއާއި، ވޯލްޑް ބޭންކުން 112 މިލިއަން ރުފިޔާއާއި، ޔޫރަޕިއަން ޔޫނިއަނުން 54 މިލިއަން ރުފިޔާއާއި، އައިއެމްފުން 445 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އޭގެ އިތުރަށް ޗާޕުކޮށްގެން 4.2 ބިލިއަން ރުފިޔާ ސަރުކާރުން ނަގާފައިވާ ކަމަށާއި، އެމެރިކާއިން 30 މިލިއަން ރުފިޔާއާއި، ޖަޕާނުން 8 މިލިއަން ރުފިޔާ، ވޯލްޑު ބޭންކުން 254 މިލިއަން ރުފިޔާއާއި، ކޮވިޑް-19ގައި ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީވުމަށް ކެނެޑާއިން އެއް މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޖަޕާނުން ގްރާންޓު އެހީގެ ގޮތުގައި 68.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކުން 254 މިލިއަން ރުފިޔާއާއި، 308 މިލިއަން ރުފިޔާއާއި، 112 މިލިއަން ރުފިޔާއާއި 308 މިލިއަން ރުފިޔާއާއި 154 މިލިއަން ރުފިޔާ އެކި ތާރީޚުތަކުގައި ދީފައިވާކަން ފާހަގަކުރެއްވިއެވެ. އިންޑިޔާއިން 84 މިލިއަން ރުފިޔާއާއި، 106 މިލިއަން ރުފިޔާއާއި، 12.3 ބިލިއަން ރުފިޔާގެ ކްރެޑިޓު ފެސިލިޓީއެއް ދީފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އޯޕެކް ފަންޑުން އެއް ބިލިއަން ރުފިޔާ އަދި 308 މިލިއަން ރުފިޔާ ދީފައިވާ ކަމުގައާއި، ޔޫރަޕިއަން އިންވެސްޓްމެންޓު ބޭންކުން 818 މިލިއަން ރުފިޔާ އަދި އީޔޫއިން 90 މިލިއަން ރުފިޔާ އީޔޫ މޯލްޑިވްސް ސެކިއުރިޓީ ކޯޕަރޭޝަނުން 45 މިލިއަން ރުފިޔާއަކާއި، 90 މިލިއަން ރުފިޔާއެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެމެރިކާއާއި ޔުނިސެފުން 11.5 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ޖުމްލަކޮށް އެކި ފަރާތްތަކުން 24.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ރައްޔިތުން ބިކަވެ، މަގުމަތިވެ، ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، ހަދާނެ ގޮތް ހުސްވެ، ވަޒީފާތަކާއި ކުދިންގެ ކިޔެވުން ޤުރުބާންކޮށް ރަށްރަށަށް ބަދަލުވަމުންދާއިރު، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!