ފަތުރުވެރިޔާ ގައި މަތިން ދިޔަ ޑިންގީ ދުއްވި މީހާ ގޭ ބަންދަށް!

މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ކ. ތުލުސްދޫގައި މޫދުގައި އޮތް ފަތުރުވެރިއެއްގެ ގައި މަތިން ދިޔަ ޑިންގީގައި ޖެހި ޓޫރިސްޓަރު މަރުވި ހާދިސާގައި ޑިންގީ ދުއްވަން އިން މީހާ ގޭ ބަންދުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 45 އަހަރުގެ އެމީހާ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި އޭނާއަކީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
ތުލުސްދު އާއި ކުޑަވިލިނގިލި ރިސޯޓާ ދެމެދު އޮންނަ ކަނޑުއޮޅިއަށް ފީނަން ދިޔަ ފަތުރުވެރިޔާގެ ގައިމަތިން ޑިންގީ ދިޔަ ވަގުތު، ޑިންގީގެ ބުރަފަތީގައި ޖެހި އޭނާގެ އަތް ވަނީ ބުރިވެ ބަނޑުވެސް ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ނުކުމެފައެވެ. މިހާދިސާގައި މަރުވީ އުމުރުން 52 އަހަރުގެ ފަތުރުވެރިއެކެވެ.