ލަންކާއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު, މަހިންދަ ރާޖަޕަކްސަ އާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފައިވަނީ، ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މިބައްދަލުކުރެއްވުމަށްފަހު، މިނިސްޓަރު ޝާހިދު ވިދާޅުވީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައި އޮތުމުން އެކަމާ އުފާ ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގައި ލަންކާގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިއަދު ބާއްވާ ހަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވަޑައިގަންނަވާނެއެވެ.
 
   
  
                                                     
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
