ޙައްޖާއި އުމްރާއަށް ދެވޭނެ މަގު ތަނަވަސްވުމަކީ ތިމާ ދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެއް
އަޅުގަނޑުމެންގެ ހަޔާތުގައި މަދުވެގެން އެއްފަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް އުއްމީދެކެވެ. މި އުއްމީދަކީ ތިމާގެ ފެންވަރާއި ހަސަބާއި ނަސަބެއްގެ ފަރަގެއް ނެތި ތެދުވެރި ، ހަމަ ކޮންމެ މުސްލިމެއްގެ ހިތުގައި ހިނގާނެ އުއްމީދެކެވެ. ފަގީރަކަސް މުއްސަންޖަކަސް އަދި އަމީރަކަސް ޔަތީމަކަސް ވިޔަސްމެއެވެ.
ނަމަވެސް ހިތާމަޔަކީ ހައްޖާއި އުމްރާގެ އަޅުކަމާމެދު ބައެއް މީހުނަށް ފަރުވާކުޑަ ކޮށްލެވޭތީއެވެ. އެ މާތް ބިމަށް ޙާޟިރުވުމަށް " އަދި ތަންކޮޅެއް އަވަހެއްނު" ނޫނީ "އަދި ލަހެއް ނުވޭ"ގެ ވިސްނުމުގައި މި އަޅުކަން ހަޔާތުގެ އެންމެ ފަހުގެ ކަންކަމަށް ހަދަން ތިބީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް ބޭފުޅުންތޯއެވެ. އެފަދަ އަޚުންނާއި އުޚުތުން އަޑު އަހާށެވެ.
ލޯބިވާ އަޚާއެވެ. ލޮބުވެތި އުޚުތާއެވެ. ނޫނެކެވެ! ހެޔޮ އެއްވެސް ކަމެއް ލަސް ނުކުރާށެވެ. ފަސާދައެއް ނުވަތަ އަނިޔާއެއް ނަމަ އަބަދުވެސް ފަހަތުގައި ބާއްވާށެވެ. އެހެނީ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔައި ލޯމަރާލަން ޖެހޭނެ ވަގުތަކީ އިއުލާނެއް ނެތި ދާދި އަވަހަށް ބައްދަލު ކުރަން ޖެހިދާނެ ވަގުތެކެވެ.
ކިތަންމެ މީހަކު ހައްޖަށް ނުވަތަ އުމްރާއަށް ދިޔުމަށް ޓަކައި ޓިކެޓް ނަގައިފައި ވިސާ ޖައްސައިފައި ކަޢުބަތުﷲ ގެފުޅަށް ނުދެވި އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެއެވެ. އަދި އެއްބަޔަކު ފުލައިޓްތެރޭގައި އަނެއްބަޔަކު ޖިއްދާގައި އަބަދުގެ އަބަދަށް ލޯމަރާލަން ޖެހިފައި އެބަހުއްޓެވެ.
އަޚާ އެވެ! އުޚުތާއެވެ! ވިސްނަވާށެވެ. ފަގީރަކީ ކާކުތޯއެވެ. މުއްސަދި މީހާގެ ހަޔާތުގެ ފަހުސަފުހާތަކަށް ހައްޖުގެ އަޅުކަން ލިޔެގެން ފައިސާ އެއްކުރުމުގައި އަދިވެސް އެ ހުރީއެވެ. ފަގީރު ނިކަމެތި އިންސާނާ ދެކޮޅު ނުޖެހޭ ދިރިއުޅުމުން ބާކީކުރި ލާރިކޮޅު އެއްކޮށްގެން "ﷲ ތަޢާލާގެ މެހެމާނެއް"ގެ މަގާމު ލިބިގަތީއެވެ. އަދި ދެއަތް މައްޗަށް އުފުލާ ލޮލުން ކަރުނަ އޮހޮރޭ ޙާލުގައި "އާދޭހޭ! ޙާޟިރު ވެއްޖައީމޭ" އެ ބުނަނީ އުފަލާ ތާޢަތާ އެކުގައެވެ.
މި އުއްމަތުގެ މަޝްހޫރު އިލްމުވެރިއެއްކަމަށްވާ އިބުނު އުޘައިމީންގެ ހަރުދަނާ ، ބުއްދިވެރި ބަސްކޮޅެއްގައި ވެއެވެ.
"ކުރަން ޖެހިފައިވާ ކަމެއް ދުރާލާ ކުރީބައިގައި ކުރުން ރައްކާތެރިކަން ބޮޑެވެ. ކުރަން ޖެހިފައިވާ ކަންކަން ފަސްކުރާ ނަމަ އެކަމުގެ ސަބަބުން ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ކަންކަން ފަސްކުރުމުގެ ސަބަބުން ކުރަން ޖެހިފައިވާ މަސައްކަތްތައް ފުނިޖެހޭ ގޮތް ވެއެވެ. މިގޮތަށް ކަންކަން ފުނިޖެހެމުން ގޮސް އެންމެ ފަހުން އެކަންކަން ނުކުރެވޭހާ ގިނަވެއެވެ."
ދަނެ ހިތުގައި ބިންވަޅު ނަގަންވި ކަމަކީ މިއީއެވެ. ތިބާގެ ގޭގެ ރަނގަބީލް ޖަހާލުމާއެކު ބޭރުބަލާ ބިއްލޫރި ކޮޅުން ބަލާލަނީ ބޭރުގައި ހުރީ ކާކުތޯއެވެ. ޕިއްޒާ ކާހިތްވިޔަސް އަހަރެން ޕިއްޒާއަށް އޯޑަރު ނުކުރާތީ އަނބުރާ ފޮނުވާލަނީއެވެ. ހަމަ މިބީދައިން ﷲ ގެ ގެފުޅަށް ޙާޟިރުވުމުގެ ތައުފީގު ލިބިގެންދާނީ ﷲ އެކަމުގެ ހެޔޮ ރަހުމަތް ލެއްވެވި މީހަކަށެވެ. ތިމާގެ ލޯބިވާ މީހުންނާ އިއްޒަތްތެރިން ތިމާގެ ގެއަށް ވައްދާ ފަދައިން ﷲ ގެ ގެކޮޅަށް ވަނުމުގެ ތައުފީގު މިންވަރު ކުރެއްވުމަކީ ތިމާ ދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެކެވެ.
އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ.
عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُماَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((تَعَجَّلُوا إِلَى الْحَجِّ، يَعْنِيْ الْفَرِيْضَةَ، فَإِنَّ أَحَدَكُم لَا يَدْرِيْ مَا يَعْرِضُ لَهُ)) [صحيح الجامع الصغير برقم 2954] މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. ”ތިޔަބައިމީހުން ޙައްޖަށް އަވަސްވެގަންނާށެވެ! އެބަހީ ފަރުޟު ޙައްޖެވެ. ހަމަކަށަވަރުން ވެސް ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކަންދިމާވާނެގޮތެއް އެކަކަށް ވެސް ނޭނގެއެވެ.“
(ޝައިޚް މުޖުތަބާ ޙަމީދުގެ ދަރުހަކުން)