ލައިފްސްޓައިލް

ލައްކައަކަށްވުރެ ގިނަ ރުޕީސްހުރި ފައިސާ ދަބަހެއް، އަނބުރާ ރައްދުކުރި ކުރޮޅި ދުއްވާ މުސްލިމަކަށް އެންމެންގެ ތައުރީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާގެ ގިނަ ރައްޔިތުން ވެސް ވަނީ ވަރަށް ބޮޑަށް މާލީ ގޮތުން ދަތިހާލު ޖެހިފައެވެ. އެގޮތުން ދަތިހާލަު ތަޙައްމަލު ކުރަމުންދާ އެއްބަޔަކީ އިންޑިއާގައި ކުރޮޅި (ރިކްޝާ) ދުއްވާ މީހުންނެވެ.

Ads by STELCO

އާއްމުކޮށް އިންޑިއާގައި ކުރޮޅު ދުއްވަން އުޅެނީ ވެސް މާލީ ގޮތުން އެހާ ތަނަވަސްކަން ނެތް މީހުންނެވެ. ކޮވިޑާއި ދިމާކޮށް އޭގެތެރެއިން އެއްބަޔަކު މިބަލިން ރައްކާތެރިވުމުގެ ގޮތުން ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބެއެވެ. ނަމަވެސް އަނެއް ބަޔަކު މަޖުބޫރީ ހާލަތާއި ގުޅިގެން ވެސް މިދުވަސްކޮޅު މަސައްކަތު ނިކުމެ، ކުރޮޅި ދުއްވުމުގައި އުޅެއެވެ.

މިފަދަ ދަތިހާލަތެއްގައި ދިރިއުޅެމުންދިޔަ އެކަކީ ހައިދަރްއާބާދަށް އުފަން މުޙައްމަދު ހަބީބު އެވެ. ދިރިއުޅޭ ގެއަށް ދުވާލަކަށް 250 ރުޕީސް ކުއްޔަށް ދޭން ޖެހޭއިރު، ކޮވިޑްގެ މިހާލަތާއި ގުޅިގެން ކޮންމެ ދުވަހަކު އޭނާއަށް ލިބެނީ ވެސް 300 ވަރަކަށް ރުޕީސް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސްް ދެކުދިންގެ ބައްްޕައެއް ކަމަށްވާ މުޙައްމަދު މިވަނީ، ފައިސާއަށްވުރެ ބޮޑަަށް އަމާނާތްތެރިކަމާއި ތެދުވެރިކަން އިސްކޮށްފައެވެ.

"ދަ އިންޑިއަން އެކްސްޕްރެސް" ގައި ޝާއިޢު ކޮށްފައިވާ ގޮތުގައި، މުޙައްމަދުގެ ކުރޮޅީގައި ދަތުރުކުރި ދެ މީހަކު، އެމީހުން ދާން ބޭނުންވި މަންޒިލަށް ގެންގޮސްދިނުމަށް ފަހު، ފަހަތު ސީޓުން ފެންފުޅިއެއް ނަގަން އެނބުރުނު އިރު އޭނާއަށް ފެނުނީ ސީޓުމަތީގައި އޮތް ދަބަހެކެވެ.

ދަބަހުގައި އޮތް އެއްޗެއް ނޭނގޭތީ ފުރަތަމަ އޭނާ ބިރުގަތް ކަމަށާއި ނަމަވެސް ފަހުން ކުރޮޅީގެ ވެރިމީހާއާއެކު ދަބަހުގައި ހުރި އެއްޗެއް ބެލިކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ދަބަސް ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހުރިތަން ފެނުމުން ވެސް މުޙައްމަދު ބޭނުންވީ އެފައިސާ އަނބުރާ އޭގެ ވެރިމީހާއަށް ރައްދުކުރަން ކަމަށް، އޭނާއާއެކު ހުރި މީހާ ބުނެފައިވެއެވެ.

މުޙައްމަދުގެ ކުރޮޅީގައި އެދަބަސް ބާއްވާފައި ދިޔަ މީހަކު ފެނޭތޯ ކުރި މަސައްކަތް ބޭކާރުވުމުން، ދެން އެމީހުން ނިންމީ ހައިދަރްއާބާދުގެ ފުލުހުންނާއި އެދަބަސް ހަވާލު ކުރާށެވެ.

ނަސީބު ދިމާކުރިގޮތުންް އާއިޝާ ނަމަކަށް ކިޔާ އަންހެނަކު އޭނަގެ ފައިސާ ދަބަސް ގެއްލިގެން ހަމައެވަގުުތު ފުލުސް އޮފީހަށް ދިޔައެވެ.

ދެމީހުންނަށް ވެސް އެކަކު އަނެކަކު ފެނުމާއެކު އެނގުނެވެ. އާއިޝާ ބުނިގޮތުގައި ފައިސާ ދަބަސް ކުރޮޅީގައި ބާއްވާފައި ދެވުނުކަން އޭނާއަށް އެނގުނީ މާފަހުންނެވެ. އަދި ކުރޮޅި ދުއްވާ މުޙައްމަދު ފެނޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް އާއިޝާ ވެސް ބުނެފައިވެއެވެ. އެއަންހެންމީހާ ބުނިގޮތުގައި އެދަބަހުގައި 1.4 ލައްކަ ރުޕީސް ހުންނާނެއެވެ.

މުޙައްމަދުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ސަބަބުން އިނާމެއްގެ ގޮތުން އެއަންހެން މީހާ އޭނާއަށް 5000 ރުޕީސް ދިނެވެ.އަދި ހައިދަރްއާބާދުގެ ސަރުކާރުން ވަނީ މުޙައްމަދުގެ ތެދުވެރިކަމުގެ އަގުވަޒަންކޮށް، އޭނާއަށް ފޮށާގަނޑަކާއި މަލުގެ ހާރެއް ދީފައެވެ.

އިންޑިއާާގެ އެކިކަންކޮޅުތަކުން މުޙައްމަދު އަށް ތައުރީފާއި ސަނާ ދަނީ އޮހެމުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!