މަހްލޫފުގެ ތުހުމަތު އާޒިމްއަށް: ދެތިން މެމްބަރުންނާއެކު އާޒިމް އުޅެނީ ސަރުކާރު ހަލާކު ކޮށްލަން
އެމްޑީޕީގެ ދެތިން މެންބަރުންނާ ގުޅިގެން އަލީ އާޒިމާއި އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ތުހުމަތު ކުރައްވައިފިއެވެ.
"ރާއްޖެ ޓީވީ" ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށާއި މަގާމުން ދުރުކޮށްފާނެތީ އާޒިމް ބުނާ ގޮތަކަށް ކަންތަކެއް ނުކުރާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރާ މައްސަލައަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވީ އެބޭފުޅުން އެކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެމްޑީޕީގެ ގިނަ މެމްބަރުން މަސައްކަތް ކުރައްވަނީ ވަޒީރުންނާ ވަރަށް ގުޅިގެން ކަމަށެވެ.
"އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެ. އަލީ އާޒިމް ކުރައްވާ ކަންތައްތަކުގެ ސަބަބުން ވަރުގަދަ އަށް އޮތް ސަރުކާރެއް ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަކަމެއް." އެ ވިދާޅުވާ ދެތިން ބޭފުޅުންނަކީ ކޮން ބޭފުޅުންނެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފު އާއި އާޒިމްއާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ އެފްއޭއެމްގެ އިންތިހާބުގެ ކަންކަމުގެ ތެރެއިންނެވެ. އެގޮތުން އެފްއޭއެމް އަށް ފިޔަވަޅު އަޅައިދޭން އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.
އެއަށްފަހު ސުވާލު ކުރެއްވުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރާ އުސޫލުގެ ތެރެއިން، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގިނަމަ އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
މަހްލޫފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މީގެ ކުރިން އާޒިމް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް އެދުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
އަދި ރާއްޖޭގެ ވަޒީރަކަސް، ނޫންނަމަ އާންމު ފަރުދަކަސް ޤާނޫނު ތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށް ބުނެ ދާދި ފަހުން މަހްލޫފަށް އާޒިމް ވަނީ ރައްދު ދެއްވާފައެވެ.