ތުރުކީގައި ތިބި 14 ދިވެހިންގެ ހާލު ވެސް ރަނގަޅު: މިނިސްޓްރީ

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިިގެން އެ ޤައުމުގައި އުޅެމުން އަންނަ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ ޤައުމުގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި އެ މިނިސްޓްރީން ވިދާޅުވީ، ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ޙާލު މިމިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ޙާލު އޮޅުންފިލުވާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިންނެވެ.
ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުއްވުން އެ މިނިސްޓްރީން އެދެއެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުޞަތެއްގައި ރަޖިސްޓަރ ކުރުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.