ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ދެބައިކުޅަ އެއްބައި ޒުވާނުން ނަފްސާނީ ގޮތުން ބަލިކަށިވި: ދިރާސާ
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ ކޮވިޑް-19ގެ ސަބަބުން އެކި ގައުމުތަކަށް އެކި ގެއްލުންތައް ދަނީ ލިބެމުންނެވެ. އިގްތިސާދީ ގޮތުން ބެލިޔަސް އަދި ސިއްހީ ހާލަތަށް ބެލިޔަސް ހުރިހާ ގައުމެއްހެން މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
ކޮވިޑް-19 މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ފަދައެވެ. އެތައް ބަޔަކު ކުރުމަށް ރާވައިގެން ތިބި އެތައް ކަމެއް ކޮވިޑް-19ގެ ސަބަބުން ނުވެފައި އެބަހުއްޓެވެ. އެގޮތުން ދިރިއުޅުމުގައި އެންމެ ގިނަ ކަންކަން ރާވައި އެންމެ ގިނަ ކަންކަމާމެދު އުއްމީދު ކުރާނެ އެއްބަޔަކީ ޒުވާނުންނެވެ.
އަމިއްލަ ދިރިއުޅުމެއް ފެށުމާއި، މަތީ ތައުލީމާއި އަމިއްލަ ކުރިއެރުމަށް އެހެން ވެސް ކަންތައް ކުރަން އެތަކެއް ޒުވާނުން އަމާޒު ހިފާފައި ވާނެ ކަން ޔަގީނެވެ. ނަމަވެސް ކުއްލިއަކަށް ކޮވިޑް-19ގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ބަދަލު ވެއްޖެ ކަން ޔަގީނެވެ. އުއްމީދު ނުކުރާ އެތައް ކަމަކާކުރިމަތިވެއްޖެކަންވެސް ގައިމެވެ.
އދ.ގެ އޭޖެންސީއެއް ކަމަށްވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން އިން ކުރި ދިރާސާއަކުން މިވަނީ ދުނިޔޭގެ ދެބައިކުޅަ އެއްބައި ޒުވާނުންކޮވިޑް-19ގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައި ކަމަށް ދައްކައިފައެވެ. އަދި މީގެ ތެރެއިން ތިންބައި ކުޅަ އެއްބައި ޒުވާނުން އެމީހުން މުސްތަގުބަލަށް ދެކެމުން އައި ހުވަފެންތަކާމެދު ޔަގީން ނުވެފައި ތިބިކަންވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.
ކޮވިޑް-19ގައި އެތައް ޒުވާނުންނެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ތައުލީމުން މަހުރޫމު ވެފައިވާ ކަމަށާއި އަދި ހަމަ އެހެންމެ އަމިއްލަ ދިރިއުޅުމުގައި ވެސް އެތައްދަތި ތަކަކާ ކުރިމަތިވެފައިވާ ކަމަށް މި ދިރާސާ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް މި ޒުވާނުންނަށް އަސަރު ކޮށްފާނެ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މި ދިރާސާގައި 112 ގައުމަކުން ބާރަހާހަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ނަފްސާނީ ދުޅަހެޔޮ ކަން އެންމެ ބަލިކަށީ އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ކަމަށް މި ދިރާސާ ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.