ޚަބަރު ރައްޔިތުންގެ މަޖިލިސް

މަސާޖު ޕާލާގެ ނަމުގައި ހަށި ވިއްކާ ތަންތަން ހިންގާ މައްސަލައިގައި މިނިސްޓަރު އެއްޗެއް ވިދާޅެއް ނުވި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

މާލޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ތަންތަން ހިންގާއިރު އެފަދަ ތަންތަން ނުހުއްޓުވިގެން އުޅެނީ ކީއްވެގެންތޯ ދެފަހަރު ސުވާލު ކުރެއްވުމުންވެސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޖަވާބެއް ނުދެއްވި އެވެ.

Ads by STELCO

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 4 ވަނަ ޖަލްސާގެ ހެނދުނު ދަންފަޅިއަށް މިނިސްޓަރު ޑރ. ޒާހިރު ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިގޮތުން ހުޅުވައިލި ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރާއްޖޭގައި ހިންގާ ހަށި ވިއްކާ ތަންތަން ބަންދު ކުރުމަށް އިސްލާމިކް މިނިސްޓްރީ ކުރަނީ ކޮން މަސައްކަތްތަކެއްތޯ ސުވާލު ކުރައްވައިފަ އެވެ.

މި ސުވާލާއިއެކު މެމްބަރު ޝިޔާމް އިތުރު ތިން ސުވާލެއް ކުރެއްވި އެވެ. ޖަވާބު ދެއްވުމުގެ ފުރުސަތުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ޝިޔާމްގެ ތިން ސުވާލަށް ޖަވާބު ދެއްވައިފަ އެވެ. އެހެންނަމަވެސް ހަށި ވިއްކާ ތަންތަނާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

އެހެންވެ ނިޒާމީ މައްސަލައެއް ނަންގަވައި ޝިޔާމް ވަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނަސްފަ އެވެ. އެއާއިއެކުވެސް މިނިސްޓަރު އެ މައުޟޫގައި އެއްޗެއް ނުދަންނަވަ އެވެ.

ސުވާލު ކުރުމުގެ ފުރުސަތު ހަމަވެ ފަހުން ހުށަހެޅި އެހެން މައްސަލައަކަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ޝިޔާމް މިކަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ ހަށި ވިއްކާ ތަންތަން ހިންގާކަން ފާޅުގައި އެނގެން އޮތްއިރު މިމައްސަލައިގައި މިނިސްޓަރު އެއްޗެއް ނުދެންނެވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ސަރުކާރުގެ ނިޔަތް މިކަމުން ސާފުވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މަސާޖު ޕާލާތައް ހިންގުމުގެ ނަމުގައި ހަށި ވިއްކާ ތަންތަން ހިންގާއިރު އެފަދަ ތަންތަނުން ދަނީ ސޯޝަލް މީޑިއާގައި އިޝްތިހާރުވެސް ކުރުމުންނެވެ. މިމައްސަލައިގައި ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށްވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!