ޚަބަރު އިޖުތިމާޢީ

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލަޓްވިއާގެ މީހެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން އިމިގްރޭޝަންއާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ލަޓްވިއާގެ 49 އަހަރުގެ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަކަމަށެވެ.

މިމައްސަލާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް އެމައްސަލަ ތަހްގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ. މިގޮތުން މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ބިދޭސީއަކު ފުރުވާލި މައްސަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިއްޔެ މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލަ އެމަޖިލީހުން ވަނީ ބަލައިވެސް ގަނެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!