ރާއްޖެއާ ރުޅިވެރިކަމެއް، ހަމަނުޖެހުމެއް އޮތް އެއްވެސް ގައުމެއް ނެތް: ޝާހިދު
ރާއްޖެއާ ރުޅިވެރިކަމެއް، ހަމަނުޖެހުމެއް އޮތް އެއްވެސް ގައުމެއް ނެތް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރާ ގޮތާއި ކަންކުރާ ގޮތާމެދު ވިސްނަންޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން އަބަޖެހޭ މެހުމާންދާރީ އަދާކުރާ ބަޔަކަށް ވާން. އަޅުގަނޑުމެންނާ ތަފާތު ނަސްލުތަކުގެ މީހުންނަށް އިހްތިރާމް ކުރާ ބަޔަކަށް ވާން ޖެހޭ. އެކަން ނުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެން މިދައްކާ ވާހަކައާ ކުރަން ބޭނުންވާ ކަންތައްތަކަށް ހުރަސް އެޅިގެންދާނެ” ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއާ ރުޅިވެރިކަމެއް، ހަމަނުޖެހުމެއް އޮތް އެއްވެސް ގައުމެއް ނެތް ކަމަށާއި ރާއްޖެއާއި ދިވެހި ދައުލަތަކީ އެއްވެސް ބައެއްގެ ދުޝްމަނެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެންމެނާވެސް ރައްޓެހި. ހައްތަހާވެސް އަޅުގަނޑުމެންގެ ރައްޓެހި ގައުމުތައް. ދުނިޔޭގެ ވަރަށް މަދު ގައުމަށް އޮތް ނަސީބެއް އެއްވެސް ގައުމަކާ ދުޝްމަނަކު ނެތި، އަރާރުމެއް ނެތި ރީތިކޮށް އުޅުން” ޝާހިދު ވިދާޅުވިއެވެ.
ދަ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި، ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށް އަދި ސަރުކާރު ވުޒާރާތަކަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.
މިއަދުގެ ސެޝަންގައި މަތީ ސާނަވީ ސްކޫލްތަކާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ދަރިވަރުންގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.