ހުޅުމާލޭގައި ކުރިޔަށްދާ މިކްސްޑް ރެޒިޑެންޝަލް މަޝަރޫޢުތައް ބާރަށް ކުރިއަށް
މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް އެޗްޑީސީގެ މެދުއަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ކުރިޔަށްދާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ މިހާރު 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށްދާ ކަމަށާއި އޭގެ ތެރޭގައި ޖުމްލަ5198 ޔުނިޓް ހިމެނޭ ކަމަށެވެ. އަސި މި ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތަކެއް ސޮއި ކުރެވި މަސައްކަތްތައް ފެށިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
“މިމަޝްރޫޢޫތައް ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރެއް ކަމުގައި މި ކޯޕަރޭޝަނުން ޤަބޫލުކުރަން. މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވޭ” އެޗްޑީސީން ވިދާޅުވިއެވެ.
އެގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށްދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ކޮންމެ ޕްރޮޖެކްޓަކުންވެސް 60% ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑްއޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އެގޮތައް އެކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތުއާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަޝްރޫޢުތަކުގެ ތެރޭގައި އާރް.ސީ.ސީ އާއި ހަވާލު ކުރެވިގެން ހިންގޭ މަޝްރޫޢުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްޤީ ކުރެވިގެން ދާނެ ކަމަށާއި މިހާރު އެ މަސައްކަތުގެ 50 ޕަސަންޓް ނިމިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އަދި ސާސެ ގްލަޓްއާއި ހަވާލު ކުރެވިގެން ތަރައްޤީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތާއި އެސް.ޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކުރެވުނު 105 ޔުނިޓް، ފެޑޯ އާއި ހަވާލު ކުރެވުނު 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރެވިގެން ތަރައްޤީ ކުރާ 162 ޔުނިޓް ހިމެނޭ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވިގެންދާ މަޝްރޫޢުގެ 58 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.
ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާ ވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗް.ޑީ.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސަންޓޭޖެއް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރެވެމުންނެވެ. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
އެގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވުނު 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕަރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އަދި އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތް ވެސް ވަނީ 98 ޕަސަންޓް ނިންމާފައެވެ.