ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހުންނެވީ ކޮމްޕްރޮމައިޒްވެފައި ކަމަށް ވިދާޅުވެ އެކަމަނާ ދިރިއުޅުއްވާ ގޭގެ ދެވަނަ ފަންގިފިލާގައި އިންޑިއާގެ ޖާސޫސޫން އުޅެމުން ދޭތޯ ދިވެހި އަސްކަރިއްޔާއިން ބަލައިދެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގޮވާލައްވައިފި އެވެ.
ތޯރިގު މިފަދައިން ގޮވައިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަފުޅާއި ގުޅުވަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިނިސްޓަރު މާރިޔާ ދިރިއުޅުއްވާ ގޭގެ ދެވަނަ ފަންގިފިލާގައި އިންޑިއާ ސިފައިން އުޅެމުން ދޭތޯ ދިވެހި އަސްކަރިއްޔާއިން ބަލައިދެއްވަން އެދޭ ކަމަށެވެ.
މިނިސްޓަރު ހުންނެވީ ކޮމްޕްރޮމައިޒް ވެފައި ކަމަށާއި އެކަމަނަާއަކީ އިންޑިއާއިން ބޭނުން ކޮންމެ ގަޑިއެއްގައި ރާއްޖެ ހިފިދާނެކަމަށް ވިދާޅުވި ބޭފުޅެއްކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.
"މާރިޔާގެ ބެލުމުގެ ދަށުން ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނީ. އެފަހަރު ވަޒީފާ ހިމާޔަތް ކޮށްދިނީ އިންޑިއާގެ އެމްބެސަޑަރ. ދިވެހި އަސްކަރިއްޔާއާ ހަވާލުވެ ހުންނެވުމުގެ ފެންވަރެއް ނެތް" ތޯރިގު ވިދާޅުވި އެވެ.
މީގެ އިތުރުން މެމްބަރު ވަނީ ދިވެހި އަސްކަރިއްޔާއިން މިނިސްޓަރުގެ ހާލަތު ވަޒަން ކުރައްވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ގޮވާލައްވައިފަ އެވެ.
ރޭގެ ޖަލްސާގައި މިނިސްޓަރު ވަނީ ކުރިން ސިފައިންގެއިން ތަމްރީނު ހާސިލް ކުރި ފަރާތްތަކަކީ "ފިނޑި" ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި މިހާރު ރައީސް ޞާލިހުގެ ސަރުކާރުން ތަމްރީނު ކުރަމުން ދަނީ ހިތްވަރު ގަދަ ސިފައިން ކަމަށް މާރިޔާ ވިދާޅުވި އެވެ.