ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ މަރުކަޒަކަށް އަތުބޮމާއި ބަޑިން ހަމަލާ ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބަނދަރުމަތީ ރަށް ކަރާޗީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރައިލައިފިއެވެ. ފުލުހުންގެ މަރުކަޒަށް ހަމަލާދީފައި ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންނެވެ. އެ ޖަމާޢަތަށް ނިސްބަތްވާ ހަތިޔާރުއެޅި ގުރޫޕުން ވަނީ، ފުލުހުން މަރުކަޒަށް ވަދެ، އެތަން ހިސާރުކުރަން މަސައްކަތް ކޮށްފައެވެ.

Ads by Sosun Fihaara

ފުލުހުންގެ މަރުކަޒަށް ވަތް ހަތިޔާރުއެޅި މީހުން ހުއްޓުވާފައި ވަނީ، އެތައް ގަޑިއިރަކަށް ދެމިގެންދިޔަ އޮޕަރޭޝަނަކަށް ފަހުއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ ފުލުހުންނާއި، ސިފައިންގެ މީހެއްގެ އިތުރުން މަސައްކަތު މީހެއް ވެސް ހިމެނެއެވެ. ހަމަލާދީފައިވާ މަރުކަޒަކީ ފުލުހުންގެ އޮފީސްތަކާއި، ފުލުސް އޮފިސަރުންގެ ޢާއިލާތައް ދިރިއުޅޭ ޢިމާރާތްތައް ހުންނަ މަރުކަޒެކެވެ.

މި ހަމަލާގައި އިތުރު 14 މީހުން ޒަޚަމުވި ކަމުގައި ސިންދު ޕުރޮވިންސުގެ ތަރުޖަމާނު މުރުތަޟާ ވައްހާބް ސިއްދީޤީ ވިދާޅުވިއެވެ. ފުލުހުން ވަނީ މި ހަމަލާދިނުމުގައި ބައިވެރިވި ހަތިޔާރު އެޅި ގުރޫޕުގެ ތިން މީހުން މަރައިލާފައެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ތަހްރީކުއްތާލިބާން ޖަމާޢަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޓެރެރިސްޓް ޖަމާޢަތްތައް ހުއްޓުވަން އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، ޓެރެރިސްޓުންގެ ނުބައިކަމުން ޤައުމު ސަލާމަތްކޮށް، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހަމަލާއާ ގުޅިގެން ވެރިރަށް އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކުން އެ ޤައުމުގެ ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުކޮށްފައެވެ. ޕިޝާވަރުގައި ހުންނަ މިސްކިތަކަށް އަމާޒުކޮށް ދާދިފަހުން ދިން ބޮމުގެ ހަމަލާއެއްގައި 80 އަށްވުރެ ގިނަ ފުލުހުން ވަނީ މަރައިލާފައެވެ. އެއީ، ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ބޮން ގޮއްވައިލާފައިވާ މިސްކިތް ހުންނަނީ، ޕިޝާވަރުގެ ފުލުހުންގެ އިދާރާއާއި ޓެރެރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ފުލުހުންގެ އިދާރާ ކައިރީގައެވެ. މިސްކިތުގެ ތެރޭގައި ބޮން ގޮއްވައިލާފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކު މެންދުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މިސްކިތަށް އެރި ވަގުތުގައެވެ. އޭގެ ތެރޭގައި ގިނައީ ފުލުހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!