އައީޖީއެމްއެޗްގައި ވަސީލަތްތައް ނެތިގެން ޑޮކްޓަރުންނާ ނަރުހުން ޝަކުވާ ކުރަނީ
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެޗްގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ބައެއް ވަސީލަތްތައް ނެތިގެން ޑޮކްޓަރުންނާ ނަރުހުން ޝަކުވާ ކުރަން ފަށައިފި އެވެ.
އެހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު އިސްމާއީލް ލަތީފު ކުރެއްވި ޓުވީޓެއްގައި ވަނީ އައިސީޔޫގައި ބޭނުންކުރާނެ ޔޫއެސްޖީ މެޝިނެއް ނެތްކަމަށެވެ. އަދި ކޮންމެވެސް ފަރާތަކުން އެ ހޮސްޕިޓަލަށް އެފަދަ މެޝިނެއް ހަދިޔާކޮށްދެއްވުމަށް ޑޮކްޓަރު އެދިލެއްވި އެވެ.
ޔޫއެސްޖީ މެޝިނަކީ ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް އާންމުކޮށް ބޭނުންކުރާ މެޝިނެކެވެ. އެހެންނަމަވެސް މިހާރު ޔޫއެސްޖީ މެޝިނު ހުންނަނީ އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދޭ ޑިޕާޓްމެންޓުގައި އެކަންޏެވެ.
ބަލި މީހުންނަށް ފަރުވާ ދިނުމަށް އެހެން ހުރިހާ ޑިޕާޓްމެންޓަކަށް ގެންދަނީ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމެންޓުގައި ހުރި މެޝިނެވެ. ޑރ. އިސްމާއިލް ވިދާޅުވި ގޮތުގައި އެއް މެޝިން މިގޮތަށް ހުރިހާ ތަނަކަށް ދުއްވުމުގެ ސަބަބުން އެ މެޝިން ދަނީ ހަލާކުވަމުންނެވެ.
ޔޫއެސްޖީ މެޝިން ނެތުމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށްވެސް ޑރ. އިސްމާއީލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހަކުވެސް ވަނީ ވަސީލަތްތައް ނެތްކަމުގެ ޝަކުވާ އުފުލައިފަ އެވެ. އެގޮތުން ބަލި މީހުން އުފުލުމަށް ބޭނުންކުރާ ޕޭޝަންޓް ލިފްޓާއެއް އެހޮސްޕިޓަލަށް ބޭނުންވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިފަދަ ވަސީލަތްތަކަކީ އަމިއްލަ ބޭނުމަށް ހޯދާ ތަކެތި ނޫންކަމަށާއި އެއީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންތެރި އެއްޗެހި ކަމަށެވެ.
އައިޖީއެމްއެޗްގައި ވަސީލަތްތައް ނެތްކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރަށް ބޮޑެތި އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.