ޚަބަރު ސިޔާސީ

މި ސަރުކާރުން ދަނީ ނުކުރަން ބުނިހައި ކަމެއް ކުރަމުން: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނުކުރަން ބުނި ހުރިހައި ކަމެއް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ދަަރަނި ރީސްޓްރަކްޗަރ ކުރުމަށް މަޖިލީހުން ދިން ލަފަޔަށް އަމަލު ކުރަން ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދަރަނި ނަންގަވައިގެން ކުރެއްވި ކަންކަންވެސް ފެންނަން ހުރި ކަމަށާއި، ދަރަނި އަދާ ކުރެވޭނެ ގޮތްތައްވެސް ހަމަޖައްސަވައިދެއްވި ކަަމަށެވެ.

އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގައި، ދަރަނި ނަންގަވައިގެން، ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށްވެސް ތަރައްޤީ ގެނެެސްދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރުން އިދިކޮޅުގައި އޮވެ، ނުކުރަން ބުނި ހުރިހައި ކަމެއް މިހާރު ކުރަމުން އަންނަ ކަމަށާއި، މަތި ބަރު ނުވާނެ ކަމަށް ބުނި އިރު، ރެކޯޑު އަދަދަކަށް ސިޔާސީ މަޤާމުތައް އުފައްދަވައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ މަނިކުފާނު އޭރު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުން އެބަތިއްބޭ، ސަރުކާރު ހިނގާނެއޭ، ދަޢުލަތް ހިނގާނެއޭ، މިއަދު 1420 ސިޔާސީ މަޤާމު. ވިއްޔާ ވާނީ އިތުރު."

އޭނާ ވިދާޅުވީ މިހައި ގިނަ ސިޔާސީ މަޤާމު، މި ސަރުކާރުން އުފެއްދިއިރު، ކުރީ ސަރުކާރުގައި އުފެއްދި 390 ސިޔާސީ މަޤާމު ގިނަ ވެގެން، އޭރު އެވާހަކަތައް ދައްކަމުން ދިޔަ ކަަމަށެވެ.

އިޤްތިޞާދު ހަރުދަނާ ކުރަން އެއްވެސް ކަމެއް ސަރުކާރުން ނުކުރާއިރު، ކުރިހައިވެސް ކަމަކީ ފައިސާ ޗާޕު ކުރުން ކަމަށް ޝިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި ފައިސާ ޗާޕް ކުރުމުން ލިބޭ ގެއްލުންތަކާއި، ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންގެ ޖީބަށް ބަރުވާ ވާހަކަ ދައްކަން ނުކެރެނީ ކީއްވެގެންތޯވެސް ޝިޔާމް ސުވާލު ކުރެއްވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!