ބިލް ގޭޓްސް އާއި މެލިންޑާގެ ވަރި: ސަބަބަކީ ކޮވިޑް-19 ބާ؟

ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީގައި ނަން ފަވާލެވޭ ބިލިއަނަރު ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސް ވަރިވާން ނިންމި ޚަބަރަކީ އިއްޔެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި ވާހަކައެކެވެ.
ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ދެ ކޯ އޯނަރުން ކައިވެނި ކޮށްގެން އުޅޭތާ 27 އަހަރު ފަހުން ވަރިވާން ނިންމާފައިވާކަން ހާމަ ކޮށްފައި ވަނީ ޓްވީޓާގައެވެ. އެގޮތުން އެ ދެމީހުންގެ ގުޅުމާމެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކައިވެނި ރޫޅައިލުމަށް ނިންމައިފައިވާ ކަމުގައި އެ ޓްވީޓުގައި ބުނެފައިވެއެވެ.
"ފާއިތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި އަހަރެމެން ދެމީހުން ތިން ދަރިން ބަލައި ބޮޑު ކޮށްފިން. އެކުދިންނަކީ ހަރުދަނާ ބަޔަކަށް ހަދައިފިން. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހި ކޮށްދޭ ކާމިޔާބު ފައުންޑޭޝަނެއް އުފައްދައިފިން"
މީގެ އިތުރުން އެ ދެމީހުންނަށް ދެމަފިރިންގެ ގޮތުގައި ނޫޅެވޭނެކަން ގަބޫލު ކުރެވުމުން ވަރިވާން ނިންމީ ކަމަށާއި ނަމަވެސް ފައުންޑޭޝަންގައި ދެމީހުން އެކުގައި މަސައްކަތް ކުރާނެ ކަމުގައި އެ ޓްވީޓްގައި ބުނެފައިވެއެވެ.
ބިލް އާއި މެލިންޑާ ބައްދަލުވީ 1987 ވަނަ އަހަރު ޕްރޮޑަކްޓް މެނޭޖަރެއްގެ ގޮތުގައި މެލިންޑާ މައިކްރޯސޮފްޓުގައި ވަޒީފާ އަދާ ކުރަން ފެށި ހިސާބުންނެވެ. އެ ދެމީހުން ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ރައްޓެހިވެގެން އުޅުމަށްފަހު 1994ގައެވެ.
އެ ދެމަފިރިންގެ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ވުޖޫދަށް އައީ 2000 ވަނަ އަހަރުގައެވެ. އެ ފައުންޑޭޝަނުން މީހުންނަށް އެތައް އެހީތެރިކަމެއް ވެފައިވާއިރު މީހުން ބާރުވެރި ކުުރުވައި މުޖުތަމައު ބާރުވެރި ކުރުވުމަށް އެތައް މަަސައްކަތެއް ކޮށްފައިވެއެވެ. އެތަނުގައި އެފަދަ ކަންކަމާއި ޕަބްލިކް ހެލްތާއި މޫސުމަށް އަންނަ ބަދަލުތައް ވެސް ކިޔަވައިދެއެވެ.


ކޮމެންޓް