ޕާކިސްތާނުގެ އިސް ވަފުދެއް އަފްޣާނިސްތާނުގެ ވެރިރަށް ތާލިބާނުންގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރުމަށް ޒިޔާރަތްކޮށްފިއެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފްގެ އަރިހުގައި ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ނަދީމް އަންޖުމް އަދި އައިއެސްއައިގެ އިސް އޮފިޝަލުން ވަނީ އަފްޣާނިސްތާނުގެ ވަގުތީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މުއްލާ އަބްދުލްޣަނީ ބަރާދާރާ އެކު ކާބުލްގައި ބައްދަލުކުރައްވައިފައެވެ.
ބަރާދަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިގްތިސާދީ އެއްބާރުލުމާއި ސަރަހައްދީ ގުޅުމާއި ވިޔަފާރީގެ އިތުރުން ގައުމުތަކުގެ ގުޅުމާ ބެހޭ ގޮތުން އޮފިޝަލުން މަޝްވަރާ ކުރެއްވި ކަމަށެވެ. ބަރާދަރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ އަދި ސަލާމަތީ ކަންކަމުގެ ސަބަބުން ވިޔަފާރީގެ އަދި އިގްތިސާދީ ކަންކަމަށް ބުރޫނާރާނެ ކަމަށެވެ.
އަދި ޕާކިސްތާނާއި އަފްޣާނިސްތާނަކީ އަވަށްޓެރި ދެ ގައުމު ކަމަށާއި، އެ ދެ ގައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްސް އިން ޕާކިސްތާނާ އެކު ވިޔަފާރީގެ އަދި އިގްތިސާދީ ގުޅުން ތައް ބަދަހިކުރުމަށް ބާރު އަޅަނީ އެއީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ."
މީގެ ހަތަރު ދުވަސް ކުރިން އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕާކިސްތާނުން ވައުދުތަކަށް ބޯނުލަނބާ ކަމަށް ބުނެ ޓޯރްޚާމް ބޯޑަރު ހުރަސްކުރުން ބަންދުކޮށްފައެވެ. ފާއިތުވި ހަފުތާތަކުގައި ޕާކިސްތާނުން ވަނީ ސަލާމަތީ ސަބަބުތަކާ ހުރެ ބޯޑަރު ކޮންޓްރޯލް ކުރުން ހަރުކަށިކޮށްފައެވެ.