ޚަބަރު ސިޔާސީ

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަންކަމަށް އިގްރާރު ވާނީ ލައްކަ ވިސްނުން ވިސްނާފައި: އިމްރާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަންކަމަށް އިގްރާރް ވާނީ ލައްކަ ވިސްނުން ވިސްނައި، ލައްކަ ގޮތް ގޮތަށް ފިކުރު ކުރުމަށްފަހުގައި ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

Ads by Hajj Corporation

އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

"އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް އިން ކަންކަމަށް އިގްރާރް ވާނީ ލައްކަ ވިސްނުން ވިސްނާ ލައްކަ ގޮތް ގޮތަށް ފިކުރު ކުރުމަށްފަހު. އިސްލާމް ދީނާ ރާއްޖޭގެ މިނިވަންކަމާ ސަލާމަތަށް އެންމެ ފަހިގޮތަށް ނޫނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް އިގްރާރެއް ނުވާނެ. މީގެ ކުރިންވެސް ވެފައެއްނެތް" އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ރައީސް ޞާލިހަށް ތާއިދުކުރަން ނިންމާފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައިވާ ކަމަށެވެ.

އަދި ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!