ޤައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހުންނަށް ނުކުރެވޭނެ، މިހުރީ ރައީސް ޞާލިޙުގެ ފަހަތުގައި: ރޮޒެއިނާ
ޤައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހުންނަށް ނުކުރެވޭނެ ކަމަށާއި މިހުރީ ރައީސް އިބްްރާހިމް މުޙައްމަދު ޞާލިޙުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެއް އެކްޓިވިސްޓެއް ކަމަށްވާ، ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މޯޑު) ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ރޮޒެއިނާ ވިދާޅުވީ ޤައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހުންނަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރަން އުޅޭނަމަ ނުކުންނާނީ ހުސް ގޯސް ކަމަށެވެ.
"އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން، އަދި އަޅުގަނޑު ކަހަަލަ ނިކަމެތި މީހަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް. ތި މެސެޖު ރައްދު ކުރަން ޖެހޭ މީހާއަށް ކުރޭ. އަހަރެން މިހުރީ ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި،" ރޮޒައިނާ ވިދާޅުވި އެވެ.
މެޒޯ މޯޑު ކުރި ޓްވީޓުގައި ބުނެފައިވަނީ 65 ގޮނޑި ދިނީ ގުޅިގެން އެމްޑީޕީ ފުނޑާކަށް ވެސް ނޫން ކަމަށާއި އެވާހަކަ ރޮޒެއިނާއަށް ދެންނެވުމަށެވެ.
މީގެއިތުރުން އެޓްވީޓަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ "ދެން އެއްޗެއް ބުނާއިރަށް ޑީއާރްޕީ އޭ ކިޔައިގެން ފަށައިގަންނާނެ" ކަމަށާއި އެކަމަނާގެ ޙަޔާތުގެ ހަތް އަހަރު އެމްޑީޕީ ކުރިއަރުވަން "ވެހުނު ވާރެއެއްގަައި ދިންހާ އަތްވެއްގައި މަސައްކަތް ކޮށްފައި ހުންނާނެ" ކަމަށެވެ. އަދި އެމްޑީޕީ އަކީ ހުރިހާ މެންބަރުންގެ ވެސް ޕާޓީ ކަމަށާއި ޕާޓީގައި ހިނގާ ހުރިހާ ކަމަކަށް އެންމެންނަށް ވެސް ގޮތް ކިޔޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.
"[65 ގޮނޑި ދިނީ] އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހަށް]އަށް ޖެއްސުން ކުރާކަށް ނޫން.މިހާރު ދެން ބޮޑު ވަރު،" އައްޑޫ މީދޫ ދާއިރާާގެ މެންބަރު ރޮޒެއިނާ ވިދާޅުވި އެވެ.