ޚަބަރު ސިޔާސީ

އިންޑިއާއި ނަގާފައިވާ ލޯނުތަކާއި ހިލޭ އެހީގެ އަދަދުތަކުގެ ތަފްސީލް ފުރިހަމައަށް ބަލަހައްޓަން: ޝާހިދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިއާއި ނަގާފައިވާ ލޯނުތަކާއި ހިލޭ އެހީގެ އަދަދުތަކުގެ ތަފްސީލް ފުރިހަމައަށް ބަލަހައްޓާކަމަށާއި އެ މަޢުލޫމާތަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ބެލޭގޮތަށް، ފިނޭންސް މިނިސްޓްރީއިންވެސް ޝާއިޢުކުރަމުންދާ މަޢުލޫމާތުކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންޑިއާގެ މީޑިއާތަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އިންޑިއާއިން ދޭ ހުރިހާ ފައިސާއެއްވެސް ބޭނުންކުރަނީ ސީދާ ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ކުރުމަށްކަމަށެވެ. މިއިންޓަވިއުގައި މިނިސްޓަރުވަނީ ރާއްޖޭގައި އިންޑިއާއިން ކުރިއަށް ގެންދާ މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކަށް އަލި އަޅުވާލާފައެވެ. މިގޮތުން  ތިލަމާލެ ބްރިޖާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި ލިބެމުންދާ އެހީތަކާއި ކެންސަރ ހޮސްޕިޓަލް، ފެނާއި ނަރުދަމާ އަދި ކޮމިއުނިޓީ ސެންޓަރތައް ރަށްރަށުގައި ހެދުންފަދަ މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ދަމަހައްޓާ، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާއި ރާއްޖެއަށް ގިނަ ގުނަ އެހީތައް ދެމުން އަންނައިރު އިދިކޮޅުން ދަނީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުފޫޒު ފޯރުވާކަމަށާއި އިންޑިއާއިން ދޭއެހީތަކަކީ އެކަމުގެ ހެކި ކަމަށް ބުނަމުންނެވެ. އަދި ރާއްޖޭގެ ސަރުކާރުން ނިންމާ ކަންކަން ނިންމަކީ އިންޑިއާއިން ބޭނުންވާ ގޮތަކަށް ކަމަށް ބުނެ ރާއްޖެއިން އިންޑިއާގެ ބާރުތައް ކަނޑުވާލުމަށް "އިންޑިއާ އައުޓް" ނަމުގައި އިދިކޮޅުން ދަނީ ބޮޑު ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.

.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!