މާލެ-ތިލަފުށި ބުރިޖާއި ޕޯޓު ވެސް 3 އަހަރުތެރޭ ނިމޭނެ: ފައްޔާޒު

މާލެ-ތިލަފުށި ބުރިޖާއި ޕޯޓުގެ މަސައްކަތް ތިން އަހަރުތެރޭ ނިމޭނެ ކަމަށާއި އެކަމަށް ނެގި ލޯނު ދެ ޕަސަންޓަށް ވުރެ ކުޑަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ގިނަވެގެން ދެ އަހަރު ބައި ނުވަތަ ތިން އަހަރު ދުވަސްތެރޭ ރައްޔިތުންނަށް ޕޯޓާއި ބުރިޖުގެ ހިދުމަތް ދެވޭނެ ކަމަށެވެ.
“މިއަހަރުގެ ފަހުކޮޅުގައި ޕޯޓުގެ ކޮންޓެކްޓު އެވޯޑުކޮށް ނިމޭނެ މިހާރު ވެސް އޭގެމަސައްކަތް ކުރިޔަށް އެބަދޭ އެގްޒިމް ބޭންކާ އެއްކޮށް އަދި މިއަންނަ އަހަރުގެ ކުރީކޮޅުގައި، ޖެނުއަރީ ފެބްރުއަރީ ހިސާބުގައި އަޅުގަނޑު އުންމީދު ކުރަނީ ބުރިޖުގެ މަސައްކަތް ފެށިގެންދާނެ ކަމަށް” މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ގައުމުގެ އިގުތިސޯދަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވެން ފެށުމުން ރާއްޖޭގައި އިގުތިސޯދީ ހަރަކާތްތަކެއް ކުރިއަށްގެންދެވި، މި ވެއްޓިފައިވާ އަނދަވަޅުން އަރައިގަންނަންދެން މި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.