ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި ނުވަ ފުލުހުން މަރާލައިފި
ޕާކިސްތާނުގެ ހުޅަނގުދެކުނުގައިވާ ބަލޮޗިސްތާނުގައި ބޮމެއް ގޮއްވައިލާ، ފުލުހުންގެ ނުވަ މީހުން މަރައިލައިފިއެވެ. މީހަކު އަމިއްލަ ފުރާނަ ނަގައިލައިގެން ދީފައިވާ މި ހަމަލާގައި އިތުރު 16 މީހަކު ޒަޚަމުވިއެވެ. ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ފުލުހުން ގޮވައިގެން ދަތުރުކުރަމުންދިޔަ އުޅަނދަކަށެވެ.
ހަމަލާދިން މީހާ ބޮން ގޮއްވައިލާފައި ވަނީ ސައިކަލެއްގައި ގޮސް ފުލުހުންގެ އުޅަނދާއި އަރައި ހަމަކުރުމަށް ފަހު ކަމުގައި ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުލް ހާއީ އާމިރު ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ބަލޮޗިސްތާނުގެ ކައްޗީ ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ ދަދަރުގައެވެ.
މި ހަމަލާގައި މަރައިލާފައި ވަނީ، ކައްޗީގައި އޮތް ހަފުލާއެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ސަރަޙައްދަށް ދަތުރުކުރި ފުލުހުންގެ ޓީމެއް ކަމުގައި ކައްޗީގެ ފުލުހުންގެ އިސްވެރިޔާ މަޙުމޫދު ނޯޓްޒާއީ ވިދާޅުވިއެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ އެއްވެސް ޓެރެރިސްޓު ޖަމާޢަތަކުން އަދި މިހާތަނަށް މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
"ބަލޮޗިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓުން ދޭ މި ފަދަ ހަމަލާތަކުގެ އަމާޒަކީ އެ ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުން ނަގައިލުން،" މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ. މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އޭނާގެ އޮފީހުން ބުންޏެވެ.
ޕާކިސްތާނާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން އަމިއްލައަށް ހަވާލުވި ފަހުން، ޕާކިސްތާނުގައި ހިންގާ ޓެރެރިޒަމްގެ އަމަލުތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ. އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، ތާލިބާނުން އެ ޤައުމުގެ ވެރިކަމަށް އަތްގަދަކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
ހުސްވި ފެބްރުވަރީ މަހު ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ ތަހްރީކުއްތާލިބާން ޕާކިސްތާނުން (ޓީ.ޓީ.ޕީ)އިން ވަނީ ބަނދަރުމަތީ ރަށް ކަރާޗީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ ފަސް މީހުން މަރައިލާފައެވެ. އޭގެ ދެތިން ހަފުތާ ކުރިން، ޓެރެރިސްޓުންގެ އެހެން ޖަމާޢަތަކުން ވަނީ ހުޅަނގުއުތުރުގައިވާ ޕިޝާވަރުގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލާ 80 ފުލުހުން މަރައިލާފައެވެ.
ޕާކިސްތާނުގައި ގިނަ ޢަދަދެއްގެ ޓެރެރިސްޓު ޖަމާޢަތް ހަރަކާތްތެރިވި ނަމަވެސް، އެ ހުރިހާ ޖަމާޢަތެއްގެ މައިގަނޑު މަޤުޞަދަކީ ފުލުހުންނާއި ސިފައިންނަށް ހަމަލާދީ، ސުލްޙައާއި ހަމަޖެހުން ނަގައިލާ، ޢާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމުގައިވާ އިސްލާމްއާބާދް ސެންޓަރ ފޯރ ރީސަރޗް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ އެނެލިސްޓު އިމްތިޔާޒް ޣުލް ބުންޏެވެ.
ބަލޮޗިސްތާނަކީ އަފްޣާނިސްތާނާއި އީރާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. އެއީ، އާބާދީ މަދު، އަދި ފަގީރުކަން ބޮޑު، ނަމަވެސް ޤުދުރަތީ ވަސީލަތްތައް ގިނަ ސަރަޙައްދެކެވެ. ޕާކިސްތާނުގެ ސަރުކާރުން އެ ސަރަޙައްދާ މެދު އަޅައިލުން ބަހައްޓާ މިންވަރު ވަރަށް ކުޑަ ކަމުގައި އެ ސަރަޙައްދުގެ ރައްޔިތުން ބުނެއެވެ.
އެ ސަރަޙައްދު ތަރައްޤީ ކުރުމަށް ޗައިނާއިން ވަނީ އެ ޤައުމުގެ ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގެ ދަށުން 54 ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ބޭނުމަކީ، ޗައިނާގެ ޝިންޖިއާންގް ސަރަޙައްދާއި ޕާކިސްތާނުގެ ގްވާދަރު ބަނދަރާ ގުޅައިލުމެވެ. ނަމަވެސް، މި މަޝްރޫޢުގެ ދަށުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ބަލޮޗިސްތާނުގެ ރައްޔިތުން ބުނެއެވެ.