ހިނދުކޮޅެއް: ޝަރަފްއާ އާޝާގެ މޮޅު މަސައްކަތެއް
ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދައި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓު ކޮށްފައިވާ ފިލްމު "ހިނދުކޮޅެއް" މިމަހު 6 ވަނަ ދުވަހުން ފެށިގެން އެމްއެސް މީޑިއާނެޓުގައި ދަނީ ސްޓްރީމް ކުރަމުންނެވެ. މި ލޯބީގެ ޑްރާމާ އަކީ މާލޭގެ އިތުރުން މާފުއްޓާއި ގުޅީގައި ޝޫޓުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ޝަރަފް އަބްދުﷲ، އާމިނަތު ރަޝްފާ (އާޝާ)، ރަވީ ފާރޫގު، މަރިޔަމް މަޖުދާ ހިމެނެ އެވެ. މީގެ އިތުރުންވެސް އިތުރު ތަރިންތަކެއް ފިލްމުން ފެނިގެން ދެ އެވެ.
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކިއާރާ ކިޔާ ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ. މިރޯލު ކުޅެފައިވަނީ އާޝާ އެވެ. ފިލްމުގައި ކިއާރާ މަސައްކަތް ކުރާ އޮފީހުގެ ބޮސް ޝާޑު (ރަވީ) އަށް ހިތް ދެވެޔެވެ. އެހެންނަމަވެސް ޝާޑުގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކިއާރާއަށް އެކަނި އޭނާއަށް ހާއްސަވެވޭކަށް ނޯވެ އެވެ. ޝަރަފް އަދާކުރާ އިއްމަ އަކީ ކިއާރާ ދެކެ އިންތިހާއަށް ލޯބިވާ ކެރެކްޓާއެކެވެ.
ފިލްމުގައި ފެނިގެންދަނީ ހިނދުކޮޅެއްގެ ތެރޭގައި ކިއާރާއާއި އިއްމަގެ ދިރިއުޅުން ބަދަލުވެގެން ދާ ގޮތެވެ. އަދި އޭގެ ފަހުން ހިންގާ ކަންތައްތަކެކެވެ.
ފިލްމުގައި އާޝާ އަދާކޮށްފައިވަނީ "ބޭޑު" ކެރެކްޓާ އެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އާޝާގެ ކެރެކްޓާ އެނބުރިގެން ދަނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ޝަރަފް އަދާކޮށްފައިވަނީ "ވަރަށް ލޯބި" ކެރެކްޓާ އެކެވެ.
ޑާކްރެއިންގެ ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ތައާރަފުވި އާޝާގެ މިއީ އެންމެ "ފައިން" އެއް މަސައްކަތެވެ. އެންމެ ފަހުން އޮލިމްޕަސްގައި އެޅުވި "ބީވީމާ" ގައި އާޝާ އަދާކުރި ރޯލާއި "ހިނދުކޮޅެއް" ގައި އަދާކުރި ރޯލާއި ހާސް ބައި ތަފާތެވެ. މިފިލްމުގައި އާޝާގެ އެކްޓިންގެ އާ ސްކޯޕެއް ބަލައިލަން ލިބުނެވެ.
މިއީ ޝަރަފްގެ ރިލީޒްވި ފުރަތަމަ ފިލްމެވެ. މީގެ ކުރިން ބައެއް ވެބް ސީރީޒްތަކުން ފެނިގެން ގޮސްފައިވާ ޝަރަފް "ހިނދުކޮޅެއް" ގައި އަދާކޮށްފައިވާ ރޯލު ތަފާތެވެ. ހާއްސަކޮށް ލޯބީގެ ފިލްމެއްގައި މޫނުމަތިން ދޭހަކޮށްދޭންޖެހޭ އިހުސާސްތަކާއި އަޑުގައި ހުންނަންޖެހޭ އަސަރު ކިތަންމެ ފުރިހަމައަކަށްވެސް ވަނީ ދައްކުވައިދީފަ އެވެ.
ޖުމްލަކޮށް ބުނާނަމަ "ހިނދުކޮޅެއް" މިއީ ސިނަމާ ފިލްމެކެވެ. މިއީ އަނެއްކާވެސް ބެލުންތެރިންނަށް ދޫކޮށްލި ޑާކްރެއިންގެ ރަނގަޅު މަސައްކަތެކެވެ. ޝަރަފްއާ އާޝާގެ މޮޅު މަސައްކަތެކެވެ.