ރިޕޯޓް އިޖުތިމާޢީ

ރޯދަ މަހާއި ދިވެހިންގެ އާދަކާދަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރަމަޟާން މަސް ނުވަތަ ދިވެހިންގެ އާންމު ބަހުންނަމަ ރޯދަ މަހަށް މިވަނީ ދެ ދުވަހަށް ވެފަ އެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ތައްޔާރީތައް ހުރީ ވެ ނިމިފަ އެވެ. ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ ކުރީއްސުރެއް ދިވެހިންގެ ތެރޭގައި އަށަގެންފައިވާ އާދަކާދަތަކެއް އެބަ ހުއްޓެވެ. މިއިން ކޮންމެ ކަމަކީވެސް އޭގައި ގިނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ.

Ads by STELCO

ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށެން ގާތް ވާއިރު އެންމެ ގިނަ ބަޔަކު އެންމެ ފޯރިއާއި އެކީގައި ކުރާ އެއް ކަމަކީ މާހެފުމެވެ. މިއީ އާއިލާ ގްރޫޕުތަކާއި ގާތް ރަހުމަތްތެރިންނާއެކު އެކި ބާވަތުގެ ކެއުންތައް ތައްޔާރުކޮށް ބާއްވާ އެއްވުމެވެ. މިއީ ވަރުގަދަ ކެއުންތަކެއް ތައްޔާރުކޮށްގެން ކެއުމުގެ ބޭނުމުގައި ބާއްވާ އެއްވުންތަކެއް ނޫނެވެ. ހަގީގަތުގައި މީގެ ބޭނުމަކީ އެކަކު އަނެކަކާއި އޮންނަ ގުޅުން ރަނގަޅުކޮށް އެކުވެރިކަން ބަދަހި ކުރުމެވެ. އެންމެން އެއްވެލައި ވާހަކަ ދައްކާ ހީ ސަކަރާތް ޖެހުމާއިއެކު ކުދި ކުދި ކުޅިވަރުތައް ކުޅެ ހަދަ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރެ އެވެ. ގޯތި ތެރެއަށް ދޮންވެލި ލުމުން ފެށިގެން ގޮސް، ގޭގައި ކުލަ ލުމާއި، ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު އާ ކުރުމެވެ. ފަރުނީޗަރު އާ ކުރުމާއި މުޅި ގޭތެރެ ފޮޅައި ސާފު ކުރުމެވެ. މިފަދަ ކަންކަމުގައި އަވައްޓެރިންނާއިއެކު ގުޅުން ބަދަހި ކުރުމަކީވެސް ދިވެހިންގެ އާދަ އެކެވެ. އެއް ގެއެއް ސާފު ކުރާއިރު ޖެހިގެން ހުރި ގޭގެ މީހުން އެހީތެރިވެ އެވެ. މި މަސައްކަތުގެ ތެރޭގައި ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ދައްކުވައިދެ އެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ އާންމުކޮށް ކޮންމެ ގެއެއްގެ މީހުންވެސް ކުރާ އެއް ކަމަކީ ކާ އެއްޗެހި ތައްޔާރު ކުރުމެވެ. ދަނޑުވެރިކަން ކުރާ ރަށްރަށުގައި ރޯދަ މަހާއި ދިމާކޮށް ގޮވާން ކަނޑައި އެއްކުރެ އެވެ. ދަނޑުވެރިކަމުން ނު އުފައްދާ ބާވަތްތައް ގަނޑުކޮށް ގެއަށް ހޯދަ އެވެ. ހަނޑުލާއި، ހަކުރު، ފުށް އަދި މަސް ދަޅާއި އެކި ވައްތަރުގެ ތަރުކާރީގެ ބާވަތްތައް މަދު ނުވާނެ ވަރަށް ގެއަށް ވައްދަ އެވެ. މިހެން ކަން ކުރުމުގައި ވަރަށް މަތިވެރި ހިކުމަތެއް ވެ އެވެ. ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. މިހެންވުމުން ރޯދައަށް ތިބެ ދުވާލުގެ ގިނަ ވަގުތު ހޭދަ ކުރަނީ ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގަ އެވެ. އެހެން ކަންކަމަށް ވަގުތު ހޯދަން އުނދަގޫވުމާއިއެކު ކާއެއްޗެހި ހޯދައި ކުރީ ބައިގައި ތައްޔާރުވަނީ އެވެ.

ރޯދަ މަސް ފެށުމާއިއެކު ދިވެހިންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުމުގެ ނަމޫނާ ދައްކުވައިދެ އެވެ. އަތޮޅު ތެރޭގައި އެއް ގެއެއްގައި ތައްޔާރު ކުރާ ކާއެއްޗެހި އަނެއް ގެއަށް ގެންދިޔުމާއި ރޯދަ ވީއްލުންތަކަށް ދައުވަތު ދީގެން ގެންދިޔުންފަދަ ކަންކަމަކީ ދިވެހިންގެ އާދަކާދަ އެވެ. މީގެ އިތުރުން ތަރާވީހު ނަމާދުން ފައިބައިގެން ބޮޑެތި ކެއުންތައް ބާއްވައި އެންމެން އެއްވެ އެވެ.

އަޅުކަމުގައި އޮންނަ ވާދަވެރިކަމަކީވެސް ކުރީއްސުރެއް އޮންނަ ސަގާފަތެކެވެ. އެގޮތުން އެކަކު އަނެކަކާއި ވާދައަށް ހަތިމު ކުރުން ފާހަގަކޮށްލެވެ އެވެ. މިފަދަ ވާދަވެރިކަމަކީ އޭގެ ސަބަބުން ދަރުމައާއި ސަވާބުވެސް އިތުރުވާ ކަންކަމެވެ.

މިފަދަ އާދަކާދަތައް ދިވެހިންގެ ތެރެއިން ނެތިގެން ދާކަމުގެ ބިރު މިހާރު އެބަ އޮތެވެ. ފަހުގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ރޯދަ މަހަށް އޮންނަ ފޯރި ކުޑަވަމުން ދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ހާއްސަކޮށް ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ މާލޭގައި ރޯދަ މަހަށް ތައްޔާރުވާން ކުރާނެ މާގިނަ ކަންކަމެއް ނޯވެ އެވެ. ޒަމާނާއި އެއްގޮތަށް ބައެއް އާދަތައް ބަދަލުވެސް ވެއްޖެ އެވެ. މިސާލަކަށް އެއްގެއިން އަނެއް ގެއަށް ކާ އެއްޗެހި ހަދިޔާ ކުރަން މިހާރު އޮންނަނީ ތަށިބަރި ޗެލެންޖެވެ. ގޭގައި ތައްޔާރު ކުރާ ވަރުގަދަ ރޯދަ ވީއްލުންތަކުގެ ބަދަލުގައި މިހާރު އޮންނަނީ ކޮންމެވެސް ރެސްޓޯރެންޓަކަށް ގޮސް ރޯދަ ވީއްލުމެކެވެ.

ކޮންމެއަކަސް ރޯދައަށް ވަމުންދާ ތައްޔާރީތައް ބަދަލުވިއެއް ކަމަކު ދިވެހިންގެ ތެރޭގައި މި މައްސަރަށް އޮތް ލޯތްބާއި ފޯރިއަކީ އަދިވެސް އޮތް ކަމެކެވެ. ރޯދަ މަހަކީ ތަފާތު އުފާވެރިކަމުގެ އިހުސާސެއް ކުރުވާ މައްސަރެކެވެ. މި މާތް މައްސަރުގެ ބޭނުން ކޮންމެ މީހަކުވެސް އެންމެ ރަނގަޅު ގޮތުގައި ކުރަން އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!