ޚަބަރު އިޖުތިމާޢީ

ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދެން އިމޭޖްސް

މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން މަސައްކަތްކުރަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށާއި މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެ ކަމަށާއި  ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު، ރަމަޟާންމަހު ހާއްސަ ސަމާލުކަމެއް ދީގެން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ފުލުހުން ބަލަހައްޓަމުންދާނެ ކަމަށާއި ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް ބަލަހައްޓަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ

ފުލުހުން ބުނީ، ރަމަޟާންމަހު ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން  ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށާއި ބޯޓު ފަހަރުތަކަށް މުދާ އަރުވައި ބޭލުމަށް މަޑުކޮށްގެން އޮންނަ އުޅަނދުތަކަށް އަވަސްކުރުމަށް އެންގުމާއި ބާލާފައި ހުންނަ މުދާތައް އަވަހަށް އެތަނުން ހުސްކުރަން އަންގުމާއި ބާޒާރުމަތީ ފިހާރަތަކަށް މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތައް އުތުރުފަޅީގައި މަޑުކުރަން އެންގުމުގެ އިތުރުން ޕޭވްމަންޓް އަދި ޕާކިން ޒޯނުތަކުގައި މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ މުދާތައް ނެގުމަށް ފުލުހުން އަންގަމުންދާނެ ކަމަށެވެ. އަދި މާލެތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައިވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެކަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހަވީރުގެ ވަގުތުތަކަކީ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކަކަށްވުމުން މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގެ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން  ބަލަހައްޓަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑު ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށާއި ބަސް ސްޓޮޕްތައް ކައިރިވެސް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދާނެ ކަމަށް އެމުއައްސަސާއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!