ދީން

ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕަ: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ހެޔޮލަފާ އާއިލާއެއް މައިބަދަ އަކީ މަންމަ އާއި ބައްޕަ ކަމަށާއި މައިންބަފައިންނަކީ ހަރުދަނާ ޖީލެއްގެ އަސާސު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މުޖުތަމައެއް ބުނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު" މި މައުލޫގެ ދަށުން މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަ ކޮށްފައި ވަނީ ހެޔޮލަފާ އާއިލާއެއް ބިނާ ކުރުމުގެ މައްޗަށެވެ. އެގޮތުން އިންސާނީ މުޖްތަމައު އުފެދެނީ ކުދިކުދި އާއިލާތަކަކުން ކަމަށާއި އެ އާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ ހަރުދަނާ މުޖްތަމައެއް ބިނާ ނުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އާއިލާއެއް އުފެދިގެން އަންނަނީ ޒަވާޖީ ހަޔާތަކުން ކަމަށް ވާއިރު، ހަރުދަނާ ގޮތެއްގައި ޒަވާޖީ ހަޔާތެއް ބިނާ ކުރުމަށްޓަކައި ރަނގަޅު ބައިވެރިއަކު އިހްތިޔާރު ކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާގައެވެ.

"އަންބަކު އިހްތިޔާރު ކުރާއިރު މީހުން ބަލާ ހަތަރުކަމެއް ވެއެވެ. އެއީ އޭނާގެ ފައިސާވެރިކަމަށާއި އޭނާގެ ހަސަބާއި ނަސަބަށާއި އޭނާގެ ރީތިކަމަށާއި އޭނާގެ ދީންވެރިކަމަށެވެ. ދުނިޔެއަކީ ހިތްހަމަޖެހުން ހާސިލްކުރުމުގެ ތަނެކެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސާލިހު އަންހެނެކެވެ. ހަމަ މިފަދައިން ކައިވެނިކުރާއިރު އަންހެނަކު ވެސް އިސްކަން ދޭން ވާނީ ދީންވެރި ސާލިހު ފިރިހެނަކު އިހްތިޔާރު ކުރުމަށެވެ. އެއީ އޭނާގެ ޒަވާޖީ ހަޔާތް ދެމިއޮތުމަށް ބާރުއަޅާ ސަބަބެކެވެ. ހެޔޮލަފާ ސާލިހު ފިރިއެއް ލިބުމަކީ ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އާއިލީ ލޯތްބާއި ކުލުނާއި އޯގާވެރިކަން ދެމި އޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިންމު އެއް ރުކުން ކަމަށެވެ. އަދި އަނބި ދަރީންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމެއް ފަދަ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕައެވެ. މައިންބަފައިންނަކީ ހަރުދަނާ ޖީލެއްގެ އަސާސެވެ. އެ ކުދިންނަށް ﷲ ހެޔޮރަހްމަތް ލައްވައި ހެޔޮގޮތްތައް މިންވަރު ކުރެއްވުމުގެ ސިއްރެއް ކަމުގައި ވަނީ އެ ކުދިންގެ ބައްޕަ އަކީ ސާލިހު މީހެއް ކަމުގައި ވުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިން ކުރާ ހެޔޮ އަމަލުތަކުގެ ހެޔޮ އަސަރު ދަރިންނަށް ކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރު ވެސް އެ ދަރިންނަށް ކުރާނެ ކަމަށާއި ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާ ކުރުމަށްޓަކައި އެންމެހާ ފާފަތަކުން ދުރުވެ މައިންބަފައިން ދަރިން ބޮޑުކުރުމަށްޓަކައި ހޯދާ މުދަލާމެދު ސަމާލުވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"ދަރިން ހެޔޮލަފާ ދަރިންތަކަކަށް ވާނީ މައިންބަފައިން ރިވެތި ނަމޫނާ ދައްކައިގެންނެވެ. މަންމަ އާއި ބައްޕަ ފަސް ނަމާދުކޮށް ދީނީ އެހެން ވާޖިބުތަކަށް ރައްކާތެރިވާ ނަމަ އެ ދެމީހުން ކިބައިން ދަރިން ލިބިގަންނާނީ ހަމަ އެ ފަދަ ނަމޫނާއެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!